ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްކަމަށާއި އެހެންނަމަވެސް ޗައިނާގެ ސިފައިންގެ އެއްވެސް ހަރަކާތެއް ރާއްޖޭގައި ނުހިނގާކަމަށް ރާއްޖޭގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެއެވެ.

މޭޖަރ ޖެނެރަލް އަބްދު ﷲ ޝަމާލް މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ސްޓްރެޓީޖިކް ނިއުސް އޮފް އިންޑިޔާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ ޗައިނާގެ ފުޅާވަމުން ކުރިއަރަމުންދާ އިގްތިސާދާއެކު ޗައިނާއަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ތަރައްގީގައި ދައުރެއް އަދާކުރާ ބައިވެރިއެއްކަމަށެވެ. އެގޮތުން ޗައިނާގެ އެހީގައި ރާއްޖޭގައިވެސް ތަރައްގީގެ އެކި މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަކުރައްވައި މޭޖަރ ޖެނެރަލް ޝަމާލް ވިދާޅުވީ މިފަދަ ކަންކަމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެފަރާތުގެ ދެނެގަތުމެއް އޮތުން ފިޔަވައި އެހެން ކަމެއް ނެތް ކަމަށެވެ.