އިސްލާމިކް މިނިސްޓްރީން ހައްޖު ކޯޕަރޭޝަނަށް އިތުރަށްދޭ 500 ކޯޓާއަށް މީހުން ގެންދިއުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިއަދު ދީފި އެވެ.

ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮންމެ އަހަރަކުވެސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް 1000 މީހުން ހައްޖަށް ގެންދާ ކަމަށެވެ. އެގޮތުން މިއަހަރު 550 މީހުން ހައްޖަށް ގެންދިއުމުގެ ކަންކަން މިހާރު ކުރަމުންދާ ކަމަށާއި އަދި އިސްލާމިކް މިނިސްޓްރީން އިތުރަށް ދިނުމަށް ނިންމާފައިވާ 500 ކޯޓާއާ އެކު މިއަހަރު ޖުމްލަ 1050 މީހުން އެ ކުންފުނިން ހައްޖަށް ގެންދާނެ ކަމަށް އިސްމާއީލް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

އިސްމާއިލް ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގެ އިންތިޒާމުތައްވީ އެންމެ ފުރިހަމައަކަށް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު މިނިސްޓްރީން އިތުރަށް ދޭ 500 ކޯޓާގެ އިންތިޒާމުތައް ހަމަޖެއްސުމުގައިވެސް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ އެ ކޯޕަރޭޝަނުން ހައްޖަށް މީހުން ގެންދިއުމަށް މީހެއްގެ އަތުން މިއަހަރު ނަގާފައިވަނީ 69،965 ރުފިޔާ ކަމަށާއި އިތުރަށް ލިބޭ 500 ކޯޓާގައި ހައްޖަށް ގެންދާ މީހުންގެ އަތުންވެސް ފައިސާ ނަގާނީ އެ އަގުގައި ކަމަށެވެ. ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ މީހުންގެ އަދަދު، އެ ކުންފުންޏަށް މިއަހަރު ކޯޓާ ލިބިފައިވާ ވަރަށް ވުރެ އިތުރު ކަމަށްވެސް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.

ދިވެހިރާއްޖެއިން ކޮންމެ އަހަރަކުވެސް 1000 މީހުން ހައްޖަށް ގެންދާއިރު ސައުދީ އަރަބިއްޔާގެ ސަރުކާރުން މިފަހަކަށްވެސް ކޮންމެ އަހަރަކުވެސް ދިވެހިރާއްޖެއަށް އިތުރު 1000 ހައްޖު ކޯޓާ ހަމަޖައްސައިދެ އެވެ.

މިއަހަރު އިތުރަށް ހަމަޖެހުނު 1000 ކޯޓާ ބެހުމަށް އިސްލާމިކްމ މިނިސްޓްރީން ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަނަށް 500 ކޯޓާ އަދި ކޮންމެ އަމިއްލަ ކުންފުންޏަކަށް 90 ކޯޓާގެ ރޭޓުންނެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ހުޅުވާލުމުން 18 ކުންފުންޏަކުން އެކަމަށް ކުރިމަތިލި އެވެ. އެކަމަކު ކުންފުނިތައް އިވެލުއޭޓް ކުރުމަށްފަހު ހުއްދަ ދޫކުރީ ފަސް ކުންފުންޏަކަށެވެ. އެހެންކަމުން ހައްޖު ކޯޕަރޭޝަން ހިމެނޭގަޮތަށް މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޫކޮށްފައިވަނީ 6 ގުރޫޕަކަށެވެ.

ހައްޖު ކޯޕަރޭޝަންގެ އިތުރުން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކަަކީ ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް، ޒައީމާ ހައްޖު އެންޑް އުމްރާ ގްރޫޕް،

މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް، އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕެވެ.