ޒިންމާއިން ރެކިގަތުމާއި، ފިލައިގެންދިއުމަކީ ގަބޫލުކުރައްވާ އުސޫލު ނޫންކަމަށާ ހުރަސްތައް ގިރާކޮށް ކުރިމަތިލާންޖެހުނު ކޮންމެ ކަމަކާއި ކުރިމަތިލާން ހުންނެވީ ތައްޔާރަށްކަމަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.

އަދީބް މިހެން ވިދާޅުވެފައިވަނީ އާލާސްކަންފުޅާ އުޅުއްވާތާ އެތައް ދުވަހެއްގެ ފަހުން، ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމުގެ ފުރުސަތު ދިނުމާއި ގުޅިގެން އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު، އެނބުރި ރާއްޖެ ވަޑައިގަތުމަށް ކުޑަތަންވެފައިވަނިކޮށް ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ދިވެހިރާއްޖެއާއިމެދު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯބި ހާމަކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖެއަށްވުރެ ރީތި، ފުރިހަމަ އެއްވެސް އެއްޗެއް ދެކެވަޑައިނުގަންނަވާކަމަށާ ޒިންމާއަކީ ގައުމަށް ޚިދުމަތްކުރުންކަމަށެވެ. އަދި އަހަރެމެންނަށް ސަލާމަތުގެ އައްސޭރިއަކަށްއާދެވެނީ ގުޅިގެން ކުރެވޭ މަސައްކަތުންކަމަށްވެސް އަދީބްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަދީބް ވިދާޅުވީ އެމަނިކުފާނަކީ އުފާވެރި ވަގުތުތައް ގައުމާއެކު ހޭދަކުރުމަށްފަހު، ދަތިކަމާއި މުސީބާތުގެ ވަގުތުގައި ގައުމުދޫކޮށް ފިލާ ރައްކާވާނެ ދެފުށްދެގޮތް ބޭފުޅެއް ނުންކަމަށެވެ.

"އަހަރެން ބޭނުމީ ދޭށެވެ. އަތުލާކަށެއް ނޫނެވެ. އަހަރެން ބޭނުމީ ފިރުމާށެވެ. ޖަހާކަށެއް ނޫނެވެ. " އަދީބްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އަދީބް ވިދާޅުވީ އެމަނިކުފާނަކީ މީހަކު ކިޔާފާނެ އެއްޗަކަށް ބައްލަވާނެ ބޭފުޅެއް ނޫންކަމަށާ ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ޖަލުގެ ތޭރިތަކުގެ ތެރެއިން ސުލްހައާއި އުންމީދުގެ އަލިކަން ފެނިވަޑައިގެންނެވިކަމަށެވެ. އަދި ގައިދެއްގައި ބަންދުގެ އޭގެ އެންމެ ހިތްދަތި ވަގުތުގައިވެސް ގައުމާއެކު މަސައްކަތްކުރީ އިންސާފު ހޯދުމަށްކަމަށް އަދީބް ވިދާޅުވިއެވެ.

ޒިންމާއިން ރެކިގަތުމާއި، ފިލައިގެންދިއުމަކީ ގަބޫލުކުރައްވާ އުސޫލު ނޫންކަމަށާ ގައުުމުގެ ހައްގުގައި އުފުލަންޖެހުނު ކޮންމެ ޒިންމާއެއް އުފުލާ، ހުރަސްތައް ގިރާކޮށް ކުރިމަތިލާންޖެހުނު ކޮންމެ ކަމެއްގައި ކުރިމަތިލާނީ ގައުމު ދެކެވާ ލޯބީގެ ހައްގުގައިކަމަށްވެސް އަދީބް ވިދާޅުވިއެވެ.

"ތިޔައީ އަހަރެން ލޯބިވާ އަހަރެންގެ ގައުމެވެ. ދިވެހިރާއްޖެއެވެ." އަދީބްގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވިއެވެ.