މާފަންނުގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުުހުންގެ އޮފިސަރުންތަކެއް މީހަކަށް އަނިޔާކުރި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ އެ މައްސަލައާއި ގުޅިގެން އާދިއްތަ ދުވަހު އެ ކޮމެޓީގެ ބައްދަލްވުމެއް ބާއްވަން ނިންމާފައެވެ. ކޮމެޓީގެ އަމިއްލަ އިސްނެގުމަށް މި މައްސަލަ ބަލަން ނިންމާފައިވާއިރު، ކޮމެޓީ ބައްދަލްވުމުގައި ގޮތްތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

އެ ކޮމެޓީގެ މެންބަރަކު ވީނިއުސްއަށް ވިދާޅުވީ ކޮމެޓީ ބައްދަލްވުމަށްފަހު، ކަމާބެހޭ އިދާރާތަކުގެ ބޭފުޅުން ހާޒިރުކުރަން ޖެހޭނަމަ އެކަންވެސްކުރާނެކަމަށެވެ. އަދި ފުލުުހުންގެ އޮފިސަރުންތަކެއް މީހަކަށް އަނިޔާކުރި މައްސަލަ ރަނގަޅަށްބަލާ އެކަމާއި ގުޅިގެން ފުލުހުން އަޅާ ފިޔަވަޅުތައް ޔަގީންކުރާނެކަމަށެވެ.

މާފަންނުގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުުހުންގެ އޮފިސަރުންތަކެއް މީހަކަށް އަނިޔާކުރި މައްސަލައާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޙަމީދު ވަނީ، އެމައްސަލާގައި ޝާމިލްވާ ފުލުހުންގެ އޮފިސަރުންނާއި ބައްދަލުކުރައްވައި ކަން ހިނގައިދިޔަ ގޮތް ސާފު ކުރައްވާފައެވެ.

އަދި އަނިޔާ ލިބުނު ކުށުގެ ތުހުމަތު ކުރެވޭ މީހާ އާއި ފުލުހުންގެ އޮފިސަރުންގެ މައްސަލަވެސް ތަޙުޤީޤު ކުރައްވައި އިދާރީފިޔަވަޅު އަޅުއްވާނެ ކަމުގައިވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި އެޗްއާރުސީއެމާއި، އެންއައިސީންވެސް މި މައްސަލަ ދަނީ ބަލަމުންނެވެ.

ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކުރުމަށް އެގެއަށް ވަތް ފުލުހުންގެ އޮފިސަރުން އެގޭގައި ހުރި މީހަކަށް އަނިޔާކުރި މައްސަލަ ފެންމަތިވީ، ފުލުހުން ވަދެ ބަލާ ފާސްކުރި ގޭގައި ހުރި މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެއް މީހަކު ސޯޝަލްމީޑިއާއަށް ދޫކޮށް ލުމުންނެެވެ.

މިވީޑިއޯ ވައިރަލް ވެފައި ވާއިރު، ކުލަހެދުމުގައި އެގެ ބަލައި ފާސްކުރުމަށް ވަތް ފުލުހުން އެގޭގައި ހުރިމީހަކު ބިންމައްޗަށް ވައްޓާލާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އަދި އެހެން މީހަކު އޭނާގެ ގައިގައި ކޮޅުފައިން ޖަހާ މަންޒަރުވެސް ފެނެއެވެ.

އޭގެ ފަހުން ފުލުހުން ވަނީ އަނިޔާކުރި މަންޒަރު ވީޑިއޯކުރި މީހާ ހޯދަންކަމަށް ބުނެ، އެހެން ގެއަކަށްވަދެ އެ ގޭގެ މީހުންނަށްވެސް ބިރުދައްކާފައެވެ. އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސްއަބްދުއްސައްތާރުގެ އާއިލީ ގެއަށް ފުލުހުންގެ ބަޔަކު ވަދެ ބިރުދެއްކި މައްސަލަވެސް ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.