ކެޕްޓަން ލިއޮނަލް މެސީއަށް ފުރަތަމަ ހާފުގައި ރަތްކާޑު ދައްކައި ދަނޑުން ބޭލިނަމަވެސް ދޭއް އެކަކުން ޗިލީ ބަލިކޮށް ކޮޕާ އެމެރިކާގެ ތިންވަނަ އާޖެންޓީނާ ހޯދައިފިއެވެ.

މެސީއަށް ރަތްކާޑު ދެއްކީ މެޗުގެ 37 ވަނަ މިނިޓުގައި ޗިލީގެ ޑިފެންޑަރު ގެރީ މެޑެލްއާއި މެސީއާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ. ރެފްރީ ވަނީ މި ދެ ކުޅުންތެރިންނަށްވެސް ރަތްކާޑު ދައްކައިފައެވެ. މިއީ މެސީގެ މުޅި ކެރިއަރުގައިވެސް ރަތްކާޑެއް ދެއްކުނު ދެވަނަ ފަހަރެވެ.

ޕެރަގުއޭގެ މާރިއޯ ޑަޔަޒް މިރޭ ރެފްރީކަން ކުރި މިމެޗަކީ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިފަހަރު ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއްމެޗެވެ. މިހާބޮޑަށް މެޗު ފޯރިގަދަވުމުގެ ސިއްރަކީ ކޮޕާ އެމެރިކާގެ އެންމެފަހު ދެ މުބާރާތުގެ ފައިނަލުގައިވެސް އާޖެންޓީނާއާ ވާދަކޮށް ޗިލީ މޮޅުވެފައިވުމެވެ.

އާޖެންޓީނާގެ ފުރަތަމަ ގޯލް ޖަހައިދިނީ ލިއޮނަލް މެސީގެ އެސިސްޓަކުން މެންޗެސްޓަރ ސިޓީގެ ކުން އަގުއޭރޯއެވެ. ދެވަނަ ގޯލް ޖަހައިދިނީ ޖިއޮވާއްނި ލޮ ސެލްސޯގެ އެސިސްޓަކުން ޔުވެންޓަސްގެ ޕައުލޯ ޑިބާލާއެވެ. ޗިލީއަށް ފަރަގު ކުޑަކޮށްދިނީ ދެވަނަ ހާފުގައި ބާސެލޯނާގެ އަރުތޫރޯ ވިޑާލްއެވެ.

ކޮޕާ އެމެރިކާގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭގައެވެ. މާލޭގަޑިން ދަންވަރު އެކެއްޖަހާއިރު ރިއޯގެ މަރަކާނާ ސްޓޭޑިއަމްގައި ފަށާ މިމެޗުގައި ވާދަކުރާނީ ބްރެޒިލް އާއި ޕެރޫއެވެ.