މިސްރުގައި މިހާރު ކުރިއަށްދާ އެފްރިކާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލަށް ނުގޮސް މިސްރު ކަޓައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ދެކުނު އެފްރިކާއާ ވާދަކޮށް މިސްރު ބަލިވީ އެކެއް ސުމަކުންނެވެ. ގާހިރާގެ އިންޓަރނޭޝަނަލް ސްޓޭޑިއަމްގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މިސްރުގެ ތަރި މުހައްމަދު ސަލާހަކަށްވެސް މާބޮޑުކަމެއް ނުކުރެވުނެވެ. ނަތީޖާ ނެރުނު ގޯލް ދެކުނު އެފްރިކާއަށް ޖަހައިދިނީ އޮލާންޑޯ ޕައިރޭޓްސްގެ މިޑްފީލްޑަރު ތެމްބެންކޮސީ ލޯކެވެ.

މުބާރާތް ބާއްވާ ވަރުގަދަ މިސްރު ކަޓުވާލާފައި ކުއާޓަރ ފައިނަލަށް ދިޔަ ދެކުނު އެފްރިކާއަށް ދެންއޮތީ ހަމައެވަރުގެ ގަދަފަދަ ނައިޖީރިޔާއެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރުގައި ކެމެރޫނާ ވާދަކޮށް މިރޭ ނައިޖީރިޔާ މޮޅުވީ ތިނެއް ދޭކުންނެވެ. ނައިޖީރިޔާގެ ތިން ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ޗައިނާގެ ޝެންހާއީ ޝެންހުއާގެ ފޯވާޑް އޮޑިއޮން އިގާލޯއެވެ. އަނެއް ގޯލްޖެހީ އިންގްލެންޑުގެ އާސެނަލްގެ މިޑްފީލްޑަރު އެލެކްސް އިވޯބީއެވެ.

ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ކެމެރޫނެވެ. އެކަމަކު ގިނަ ހަމަލާތައް އުފެއްދީ ނައިޖީރިޔާއިންނެވެ. ކެމެރޫނުގެ ދެގޯލް ޖަހައިދިނީ ފްރާންސްގެ އޮލިމްޕިކް މާސޭގެ ކްލިންޓަން އެންޖިއޭ އާއި ފްރާންސްގެ އުންޖޭއަށް ކުޅޭ ސްޓެފަން ބަހޯކެންއެވެ.

މިމުބާރާތުގައި އާދީއްތަ ދުވަހުގެރޭ ވެސް ދެމެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މަޑަގަސްކަރާއި ކޮންގޯއެވެ. ފަހު މެޗުގައި އަލްޖީރިޔާއާއި ގިނީއެވެ.