ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ވަނީ ފްރޭމްކޮށްފައި ކަމަށާއި އެ ހުރިހާ ފަޜާތްތަކުގެ ކިބައިން ގާނޫނުގެ ތެރެއިން އިންސާފު ހޯއްދަވާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ވީއޭއެމްގެ މެނޭޖްމަންޓް އުވާލައި އިންޓަރިމް ކޮމިޓީއާ އެސޯސިއޭޝަން ހިންގުން ކޮމިޝަނާ އޮފް ސްޕޯޓްސް އިން އިންޓަރިމް ކޮމެޓީއަކާއި ހަވާލުކުރުމުގައި ކަންކަން ކޮށްފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީ އިން ވަނީ ރާއްޖޭގެ އޮލިމްޕިކް ކޮމެޓީއަށް ސިޓީއެއް ފޮނުވާފައެވެ.

އެގޮތުން މި ސިޓީގައި ވަނީ ކަންކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށް އެދިފައި،، އަދި އެފްއައިވީބީން އަދިވެސް ގަބޫލުކުރާނީ ލަތީފް ގެ ލީޑަޝިޕް ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.

މިކަން ފާހަގަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަަދައްކަވަމުން ލަތީފް ވިދާޅުވީ މި މައްސަލައަކީ ވޮލީބޯޅައިގެ އާއިލާގެ ތެރޭގައި އުޅޭ މައްސަލައެއް ކަމަށާއި މިއީ ކުޅިވަރު ހަލާކުކުރަން ބަޔަކު ކުރާ މަަސައްކަތެއް ކަމަށެވެ.އަދި އައިއޯއައިޖީ ކުރިޔަށް އޮއްވާ މިފަދަ ކަމެއް ކުރުމުން އޭގެ އަސަރު ގައުމީ ޓީމުގެ ކުޅުންތެރިންނަށް ކުރާނެ ކަމަށާއި ލީޑަޝިޕުން އަދިވެސް މަސައްކަތްކުރާނީ ވޮލީބޯޅައިގެ ލާބައާއި މަންފާއަށް ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ ވީއޭއެމްގެ ކުރީގެ ނައިބްރައީސް މުހައްމަދު ރަނޭޝް އާއި ކުރީގެ ޖެނެރަލް ސެކެޓްރީ މުހައްމަދު ޝަރަފް ޒިންމާ އަދާނުކުރައްވައި، އިސްތިއުފާ ދެއްވި ކަމަށާއި އެއަށްފަހު މަސައްކަތް ކުރައްވަމުން އަންނަނީ އެހެން ގޮތަކަށް މަގާމަށް އާދެވޭތޯ ކަމަށެވެ. އަދި ވީއޭއެމް އަބަދުވެސް އޮންނާނީ ސަރުކާރާއި އެކު ކަމަށާއި ކުޅިވަރު ހަލާކުކުރާނެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދޭނެކަމަށް ލަތީފް ވިދާޅުވިއެވެ.

އަދި ހައްގު ހޯދުމަށް މަސައްކަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށާއި ބޭނުންވަނީ ފަށާފައިވާ އިސްލާހީ އެޖެންޑާގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި މި ދައުރު ނިމުމުގެ ކުރިން ކުރިއަށް އޮތް ނުވަ މަސް ދުވަހުގެ ތެރޭގައި އަވަސް އިންތިހާބެއް އޭނާގެ ދައުރުގައި ބާއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ލަތީފް ވިދާޅުވިއެވެ.

މި މައްސަލައިގައި މިހާތަނަށް ކޮމިޝަނާ ސްޕޯޓްސް އިން ޖަވާބެއް ދީފައި ނުވެއެވެ.

ސްޕޯޓްސް ކޮމިޝަނަރު ބޮޑުހީނާ އެކުލަވާލި ވޮލީގެ އިންޓަރިމް ކޮމިޓީގައި ހިމެނެނީ ކޮމިޓީގެ ރައީސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ކުރީގެ ނައިބު ރަައީސް އަބްދުﷲ އާމިރު (އައްލޯ) އާއި ކޮމިޓީގެ ނައިބު ރައީސްއަކަށް އޮލިމްޕިކް ކޮމިޓީގެ އެކްސްކޯ މެމްބަރު އަދި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އިސްމާއީލް އެވެ. އަނެއްް ތިން މެމްބަރުންނަކީ ވީއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި ސްޕޯޓްސް ކޯޕަރޭޝަންގެ މިހާރުގެ ޗެއާމަން ހުސެއިން މުހައްމަދުގެ އިތުރުން ޔޫތު މިނިސްޓްރީގެ އަހުމަދު އިބްރާހިމް އާއި މަރިޔަމް ޖުމާނާ އެވެ.