މަހާޖައްރާފުގެ ސަބަބުން ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ދާއިރާއިން އެމްޓީސީސީއަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ ތަފާސް ހިސާބުން ދައްކައިފި އެވެ.

އެމްޓީސީސީން އާންމު ކުރި 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި ފާއިތުވެދިޔަ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ ދާއިރާއިން ފާއިތުވެދިޔަ އަހަރު ތެރޭގައި އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް އެ ކުންފުންނަށް ވަނީ މި ދާއިރާގައި 13.60 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިފަ އެވެ.

އެމްޓީސީސީން ބުނެފައިވަނީ މިވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ހަރަދު ކުޑަކުރަން ކަމަށް ބުނެ ގެނައި މަހާޖައްރާފުގެ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވެ އެކަށީގެން ނުވާ އަގެއްގައި ބިން ހިއްކުމުގެ ސަބަބުން ކަމަށެވެ. މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވުމާއި ހަރަދު ބޮޑު އިރު އެޔާ އެކަށީގެންނުވާ ކުޑަ އަގެއްގައި މަޝްރޫއުތައް ހިންގުމަށް ނިމިދިޔަ ސަރުކާރުން ބޮޑެތި ފިއްތުންތައް ކުރިމަތި ކުރުވާފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ މައުލޫމާތު ދީފަ އެވެ.

އެމްޓީސީސީން މިހާތަނަށް މަހާޖައްރާފު ބޭނުންކޮށްގެން 7 ރަށެއްގެ ބިން ހިއްކާފައިވެ އެވެ. އެއީ ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ކ. މަޑިވަރު، ކ. ކަގި، ށ. ކޮމަންޑޫ، ކ. ގުރައިދޫ އަދި ހުރާގެ ބިން ހިއްކުމުގެ މަސައްކަތެވެ.

މީގެ އިތުރަށް މިއަހަރު ތެރޭގައިވެސް ބިން ހިއްކުމުގެ ގިނަ މަޝްރޫތަކެއް ކުރިއަށް ގެނދިޔުމަށް ނިންމާފައިވާއިރު އެ މަޝްރޫތަކުގެ ތެރެއިން ގިނަ މަޝްރޫތައް ކުރިއަށް ގެންދާނީ މަހާޖައްރާފު ބޭނުންކޮށްގެން ކަމަށް އެމްޓީސީސީން ބުނެ އެވެ. އެކުންފުނިން ބުނީ އަމާޒަކީ މި ދާއިރާ އަލުން ދިރުވައި، މިއަހަރު މި ދާއިރާއިން ހިންގާ މަޝްރޫއުތަކަކީ ރަނގަޅު ފައިދާއެއް ލިބޭ ވަރުގެ މަޝްރޫއުތަކެއްކަން ޔަގީންކުރުން ކަމަށެވެ.

ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނީ 224 މިލިއަން ރުފިޔާ އެވެ. އެއީ ކުންފުނީގެ ޖުމްލަ އާމްދަނީގެ 17.41 ޕަސެންޓު ކަމަށް ވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 149.3 ޕަސެންޓް އިތުރު އަދަދެއް ކަމަށްވެސް އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިއަހަރުގެ އަމާޒަކީ މި ދާއިރާއިން 901 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުން ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.