ނިމިގެންދިޔަ ޖޫން މަހު ވެސް އެންމެ ގިނަ އަދަދަކަށް މުވައްޒަފުންނަށް ސާވިސް ޗާޖު ބެހި ރިސޯޓަކަށް ވެލާ ޕްރައިވެޓް އައިލެންޑް ވެއްޖެއެވެ.

ރިސޯޓުތަކުގެ މުވައްޒަފުންގެ ފަރާތުން މައުލޫމާތު ހޯދައިގެން ސާވިސް ޗާޖުގެ ތަފާސްހިސާބުތައް ގެނެސްދޭ ވެބްސައިޓް "މޯލްޑިވްސް ސާވިސް ޗާޖު" ގައި ވާގޮތުން ނިމިގެންދިޔަ ޖޫން މަހު ވެލާ ޕްރައިވެޓް އައިލެންޑުން ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 740 ޑޮލަރު ވަނީ ޖެހިފައެވެ.

މިއަހަރުގެ ޖެނުއަރީ މަހާއި މެއި މަހުވެސް އެންމެ ގިނައިން ސާވިސް ޗާޖު ލިބިފައިވަނީ ވެލާ ރިސޯޓުންނެވެ. ޖެނުއަރީ މަހު ސާވިސް ޗާޖަށް ބޮލަކަށް 3،016 ޑޮލަރު ޖެހިފައިވާއިރު މެއި މަހު 1،509 ޑޮލަރު ވަނީ ޖެހިފައެވެ.

މިއަހަރުގެ އެހެން މަސްތަކާ ބަލާއިރު، މިމަހު ރިސޯޓުތަކުގެ ސާވިސް ޗާޖު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް ބޮލަކަށް އެންމެ ގިނައިން ސާވިސް ޗާޖު ބަހާފައިވާ ޝަވެލް ބްލޭންކް ރަންދެލި ރިސޯޓުން ވެސް ޖޫން މަހު ބޮލަކަށް ދީފައިވަނީ 400 ޑޮލަރެވެ. އެ ރިސޯޓުން ޖެނުއަރީ މަހު ބޮލަކަށް 2،577 ޑޮލަރު، ފެބްރުއަރީ މަހު 1،995 ޑޮލަރު، މާޗު މަހު 1،817 ޑޮލަރު، އޭޕްރީލް މަހު 2،406 ޑޮލަރު އަދި މެއި މަހު 1،061 ޑޮލަރު ސާވިސް ޗާޖުގެ ގޮތުގައި ބަހާފައި ވެއެވެ.

ޖޫން މަހު އެންމެ ގިނައިން ސާވިސް ޗާޖު ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑާއި، ވެލިގަނޑު އައިލެންޑް ރިސޯޓާއި، ހުރަވަޅި އައިލެންޑް ރިސޯޓުންނެވެ. ވެލާ ޕްރައިވެޓް އައިލެންޑުން ބޮލަކަށް 740 ޑޮލަރު ދީފައިވާއިރު، ވެލިގަނޑު އައިލެންޑް ރިސޯޓުން 620 ޑޮލަރު، ހުރަވަޅި އައިލެންޑް ރިސޯޓުން ބޮލަކަށް 605 ޑޮލަރު ސާވިސް ޗާޖަށް ވަނީ ދީފައެވެ.

ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އާންމުކޮށް ނަގަނީ 10 އިންސައްތައެވެ. ސާވިސް ޗާޖު ނަގައި މުވައްޒަފުންނަށް ބެހި ކަމުގައި ވިޔަސް، މުވައްޒަފުންނަށް ބަހަނީ ކިހާ މިންވަރެއްކަން ގިނަ ތަންތަނުން ހާމައެއްނުކުރެއެވެ.