މުޅި ސްރީލަންކާ ތައްޔާރީ ހާލަތަށް އަތުވެއްޖެއެވެ.

ސްރީލަންކާ ތައްޔާރީ ހާލަތަށް މިއައީ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ތާއީދުކުރާނޭ ފަރާތެއް ކަނޑައެޅުމަށް، ސްރީލަންކާގެ ބުދިސްޓު ހަރުކަށި ޖަމާއަތް، ބޮޑު ބަލަ ސެނާ ކެންޑީގައި ބައްދަލުކުރަމުން ގެންދާތީއެވެ.

މިކަމާހެދި، ފުލުހުންވަނީ ކެންޑީގެ މަގުތަކުގައި ސަފުތައް ހަދައި ތައްޔާރީ ހާލަތަށް އައިސްފައެވެ.

ހަމަ އެއާއެކު، ސްރީލަންކާގައި މިހާރު ހިންގާފައިވާ ކުއްލި ނުރައްކަލުގެ ގާނޫނުގެދަށުން، ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން ސްރީލަންކާ ސިފައިންވެސް މިހާރު ތިބީ ތައްޔާރީ ހާލަތުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

ފުލުހުންނާއި ސިފައިން މައިގަނޑު ގޮތެއްގައި ސަފުތައް ހަދައި ތައްޔާރުވެ ތިބީ، ބޮޑު ބަލަ ސެނާގެ ބައްދަލުވުން ނުވަތަ ކޮންވެންޝަން ބައްވަމުންދާ ސަރަހައްދާއި، އެ ސަރަހައްދު ވަށައިގެންވާ ހިސާބުތަކުގައެވެ.

އޭގެ އިތުރުން، ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި ހުރި ބުދިސްޓް ފައްޅިތައް ކައިރީގައިވެސް ސަލާމަތީ ބާރުތަކުން ފޯރިމަރަމުން ގެންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިއީ، އީސްޓަރ ސަންޑޭގެ ބޮމުގެ ހަމަލާގެ ފަހުން ބޮޑު ބަލަ ސެނާ ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި ތިބި އެ ޖަމާއަތުގެ 10،000 މެމްބަރުން ބައިވެރިވުމަށް، އެ ޖަމާއަތުގެ ނުފޫޒުގަދަ ހަރުކަށި ލީޑަރު ގަލަގޮޑާއްޓެ ގްނަނަސަރަ ވަނީ ގޮވާލާފައެވެ. ނަމަވެސް ކޮންވެންޝަންގައި ބައިވެރިވަނީ ކިތައް މީހުންކަމެއް ސާފެއް ނުވެއެވެ.

ބޮޑު ބަލަ ސެނާއިން ބުނެފައިވަނީ، މިއަދުގެ ބައްދަލުން ނުވަތަ އެއްވުމަކީ، މިއަހަރުގެ ފަހުކޮޅު ބާއްވާ ރިޔާސީ އިންތިޚާބުގައި ތާއީދު ދޭނޭ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ގަލަގޮޑާއްޓެ ގްނަނަސަރަ މިއަދު ހެނދުނު ބުނެފައިވަނީ، ސިންގަޅައިގެން ކުރިއެރުމާއި، ސަލާމަތީ ކަންކަމާގުޅޭ ކަންކަމުގެ ވެރިކަމެއް ކުރުމަށް ގެންނާނޭ ފަރާތެއް ކަނޑައެޅުމުގެ ތާރީޚީ ނިންމުން މިއަދު ނިންމާނޭ ކަމަށެވެ.

ސްރީލަންކާގެ މުޅި އަބާދީގެ %70 އަކީ ސިންގަޅައިންނެވެ. ދެން ހިމެނޭ ބައިމަދު އެހެން ނަސްލުތަކުގެ ތެރޭގައި ތަމަޅައިން ހިމެނެއެވެ. ތަމަޅައިންގެ ތެރޭގައި ގިނައީ މުސްލިމުންނާއި ހިންދޫންނެވެ.

ގަލަގޮޑާއްޓެ ބުނީ، ސިންގަޅައިންނާ އަޅާލާނޭ ލީޑަރެއް މިއަދު ނެތް ކަމަށާއި، އެމީހުންނަކީ މިއަދު ސްރީލަންކާގައި ވަރަށް ނިކަމެތި ބައެއް ކަމަށެވެ. މިފަހަރު ދޫކުރަނީ ސިންގަޅައިންނަށް ބާރުތައް ހޯދައި ދިނުމަށް ފަހުގައި ކަމަށްވެސް އޭނާ ވައުދުވިއެވެ.

ބޮޑު ބަލަ ސެނާގެ ބައްދަލުވުމަށްފަހު، އެމީހުން މަގުތަކަށް ނުކުމެ ހަޅުތާލު ފަށާފާނޭ ކަމުގެ އަޑުތައް ފެތުރި، އެކަމުގެ ބިރުވެރިކަން ސްރީލަންކާގައި ފެތުރިފައި ވެއެވެ. ޚާއްސަކޮށް ކެންޑީގައި ވަނީ ނުތަނަވަސްކަން ފެތުރިފައެވެ.

ބޮމުގެ ހަމަލާތަކުގެ ފަހުން ސްރީލަންކާގައި އެންމެބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައިވަނީ މުސްލިމުންނަށެވެ. ޚާއްސަކޮށް ބޮޑު ބަލަ ސެނާގެ ދެކޮޅުވެރިކަން މުސްލިމުންނަށް ކުރިމަތިވެފައި ވެއެވެ. ސްރީލަންކާގެ މުސްލިމުންނާ ދެކޮޅަށް އެންމެބޮޑަށް ކެމްޕެއިން ކުރަމުންދަނީވެސް އެ ޖަމާއަތުންނެވެ.

މުސްލިމުންނަށް ހަމަލާދިނުން ސްރީލަންކާގައި އިތުރުވެފައި ވާއިރު، އެފަދަ ގިނަ ހަމަލާތަކުގެ ޒިންމާ އެޅިފައި ވަނީވެސް ބޮޑު ބަލަ ސެނާގެ ބޮލުގައެވެ.

ހަރުކަށި ބުދިސްޓުން މިދިޔަ އަހަރުވެސް ކެންޑީގައި ޖެހިޖެހިގެން ތިންދުވަސް ވަންދެން މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި، މުސްލިމުންގެ އެތައް މިސްކިތަކާއި، ގެދޮރާއި އެތައް ފިހާރައެއް ހުޅުޖަހައި އަންދައި ނުވަތަ ހަމަލާދީ ހަލާކުކޮށްލިއެއެވެ. އޭގެ އަޑީގައި ހުރީވެސް ގަލަގޮޑާއްޓެއެވެ.