ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް އަމާޒުކޮށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކިޔާފައިވާ ބޮޑެތި ފާޑުކިޔުންތަކަށް ދެކުނު އެމެރިކާގެ ގައުމުތަކުގެ ފުޓްބޯޅަ އިދާރާއިން މިއަދު ހޫނު ރައްދެއް ދީފިއެވެ.

ސައުތު އެމެރިކަން ފުޓްބޯލް ކޮންފެޑެރޭޝަން، ކޮންމެބޮލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފެއަރ ޕްލޭގެ މައިގަޑު އަސާސަކީ އިހުތިރާމާއެކު ނަތީޖާތައް ބަލައިގަތުން ކަމުގައެވެ. ނަތީޖާތަކާ ދޭތެރޭ ނުރުހިގެން ޒާތްޒާތުގެ ތުހުމަތުތައް ފެންމަތިކޮށް މުބާރާތުގެ އަގުވައްޓާލަން ކުރާ މަސައްކަތް އެއްވެސް ގޮތަކުން ބަލައިނުގަނެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މިފަދަ އަސާސެއްނެތް ތުހުމަތުތަކަކީ މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި މުބާރާތް ބާއްވާ ގައުމާއި މުބާރާތް އިންތިޒާމްކުރާ ފަރާތަށް އެއްވެސް ބާވަތެއްގެ އިހުތިރާމެއް ނެތްކަން އަންގައިދޭ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާން މިއައީ ރޭ ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި ކެޕްޓަން ލިއޮނަލް މެސީއަށް ދެއްކި ރަތްކާޑަށްފަހު ވަރަށް ރުޅިއައިސްގެން ހުރެ މެސީ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. މެސީ ބުނެފައިވަނީ މުބާރާތުގެ ތަށި ބްރެޒިލްއަށް ދޭން އޮތީ ހަމަޖެހި ނިމިފައިކަމަށާއި މިއީ ކޮންމެބޮލް އާއި ބްރެޒިލް ގުޅިގެން ހިންގާ ވައްކަމެއް ކަމުގައެވެ.

މިޒާތުގެ ވައްކަމުގައި ކުޅުންތެރިން ގުރުބާންވާ މަންޒަރު ދެކެން ބޭނުންނުވާ ކަމަށާއި އެކަމަކު ކޮޕަ އެމެރިކާ މިހާރު އޮތީ އެގޮތަށް ބައްޓަންވެ ނިމިފައިކަމަށްވެސް މެސީ ބުންޏެވެ.

މެސީގެ ރަތްކާޑާއިމެދު އޭނާ ބުނީ އެއީ ކާޑުދައްކަންޖެހޭ ހާލަތެއް ނޫންކަން މަންޒަރު ފެނުނު ހަމަ ކޮންމެ މީހަކުވެސް ގަބޫލުކުރާނޭ ކަމަށެވެ. އެކަމަކު ހިތާމަޔަކީ ރެފްރީންވެސް މި ވައްކަމުގައި ޝާމިލްކޮށްފައި ތިބުން ކަމަށް ބުންޏެވެ.

މެސީގެ ވާހަކަތަކާ ގުޅިގެން ކޮންމެބޮލްއިން ބަޔާނެއް ނެރުމުގެ އިތުރަށް އޭނާއަށް ހަރުކަށި އަދަބެއް ދިނުމަށް ވިސްނަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.