މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބުދުﷲ ވަގަށް ނަގައި ގެއްލުވާލި މައްސަލައިގައި އެޗްއާރްސީއެމުން 4 އަހަރު ދުވަހު ކުރި މަސަްކަތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ރިޟުވާނު ވަގަށް ނަގައި ގެއްލުވާލިތާ 4 އަހަރާއި އެގާރަމަސް މާދަމާއަށް ފުރޭ އިރު، އެމައްސަލައިގައި މިހާތަނަށް އެޗްއާރްސީއެމުން ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓު ހުށައަޅާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށެވެ.

މަޖިލީހަށް އެޗްއާރްސީއެމްގެ ރިޕޯޓު ހުށައެޅުމަށް ފަހު އެކޮމިޝަނުން ނެރެފައިވާ ބަޔާނުގައި އެކޮމިޝަނުން ކޮށްފައިވާ މަސައްކަތުގެެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ކުރިމިނަލް ކޯޓުގައި ހިނގަމުން ދިޔަ އެމައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތަކަށް ވަނުމާއި ، އެމައްސަލައިގައި ކުރިމިނަލްކޯޓުން ކުރި ހުކުމާއި، އަދި ގޮތުން ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ އެކު ބައްދަލުވުންތައް ބޭއްވުން ކަމަށެވެ.

ރިޟުވާނު ވަގަށް ނަގައި ގެއްލުވާމުގެ މައްސަލަ އިންސާފުވެރިގޮތެއްގައި ބަލައިދިނުމުގައި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ނިހާޔަތަށް އިހުމާލުވެފައި ވާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ އެމުއްސަސާތައް ކޮމިޓީ ބައްދަލުވުންތަކަށް ހާޟިރުކުރަން ފަށާފައެވެ.