އިންޑޮނޭޝިއާ ކައިރިއަށް ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފިއެވެ.

ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިޔާ ކައިރިން މޮލުކާ ކަނޑަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އިންޑޮނޭޝިޔާގެ ޖަޒީރާ ރަށްތައް ކަމަށްވާ މަލުކު ރަށްތައް އޮންނަނީ މި ކަނޑުގެ ސަރަހައްދުގައެވެ.

ސުނާމީގެ އިންޒާރާ ގުޅިގެން މަލުކު ޖަޒީރާ ރަށްތަކުގައި ހިމެނޭ ކޮޓަ ޓާރނޭޓްގައި ދިރިއުޅޭ އާންމުންގެ މެދުގައި ބިރުވެރިކަން ފެތުރިފައިވާ ކަމަށް ޚަބަރު ލިބެއެވެ. އެއީ، ބިންހެލުން އައި ހިސާބާ އެންމެ ގާތުގައި އޮންނަ ރަށެވެ. މިއީ، އެ ހިސާބަށް ރޭގަނޑުގެ ދަންވަރުގެ ވަގުތެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެރަށުގެ އާންމުން މިހާރުވަނީ އައްސޭރިފަށުގެ ސަރަހައްދުތައް ދޫކޮށް އުސް ސަރަހައްދުތަކަށް ގޮސްފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ، މިރޭ އައި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 6.9 ގައި ކަމަށެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނަނީ ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 7.1 ގައި ކަމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ، މި ބިންހެލުން މަރުކަޒުވެފައި ހުރީ މަނާޑޯގެ ދެކުނުއިރުމަތިން 185 ކިލޯމީޓަރު ދުރަށް ކަމަށެވެ. އަދި ބިންހެލުން އައިސްފައިވަނީ 24 ކިލޯމީޓަރު ފުނަށް ކަމަށްވެސް ބުނެފައިވެއެވެ.

މި ބިންހެލުމާ ގުޅިގެން އެއްވެސް ތާކަށް އަދި މީހަކަށްވެސް ކަމެއްވީ ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.