އަންހެނުންގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް ހަތަރު ވަނަ ފަހަރަށް އެމެރިކާ ކާމިޔާބުކޮށްފިއެވެ.

ފްރާންސްގައި ކުޅެވުނު ވޯލްޑްކަޕުގެ ފައިނަލްގައި މިރޭ ޔޫރަޕުގެ ޗެމްޕިއަން ހޮލެންޑާ ވާދަކޮށް އެމެރިކާ މޮޅުވީ ދޭއް ސުމަކުންނެވެ. ފެށުނީއްސުރެ ނިމެންދެންވެސް އެމެރިކާއިން ޑޮމިނޭޓްކުރި މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ފަހު ހާފުގެ މެދުތެރޭގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ރެޕިނޯއެވެ. މިއީ އޭނާ މިފަހަރު ޖެހި ހަވަނަ ގޯލެވެ. މިގޯލާއެކު އޭނާ ވަނީ މިފަހަރުގެ ޓޮޕް ސްކޯރާރއިންގެ ތެރޭގައި ހިމެނިފައެވެ. ފަހު ގޯލްޖެހީ ލަވިލްއެވެ.

އަންހެނުންގެ ވޯލްޑްކަޕަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެގޮތުން މިފަހަރު މިއީ 8 ވަނަ ވޯލްޑްކަޕެވެ. މީގެ ތެރެއިން ފަސްފަހަރު ފައިނަލް ކުޅެ ހަތަރު ފަހަރު އެމެރިކާ ވަނީ ތަށި ހޯދާފައެވެ. މީގެ ތެރޭގައި އެންމެފަހު ދެ ވޯލްޑްކަޕް ހިމެނެއެވެ.

ޖަރުމަނުން ދެފަހަރު ވޯލްޑްކަޕް ހޯދާފައިވާއިރު ނޯވޭއާއި ޖަޕާން ވަނީ ކޮންމެ ބަޔަކުވެސް އެއްފަހަރު ހޯދާފައެވެ.

މިފަހަރުގެ ފައިނަލްގައި އެމެރިކާއާ ވާދަކުރި ހޮލެންޑަކީ ޔޫރަޕުގެ ޗެމްޕިއަނުންނަށްވިޔަސް މިއީ އެގައުމު ވޯލްޑްކަޕުގައި ކުޅުނު ދެވަނަ ފަހަރެވެ. އަދި ފައިނަލްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން އެމެރިކާގެ ކައިރީގައި މާބޮޑުކަމެއް ނުކުރެވޭނެ ކަމަށް ކުރިންވެސް އޮތީ ހީކުރެވިފައެވެ.

ފައިނަލްގައި ކުޅުނު ދެ ޓީމުގެ ކޯޗުންގެ ގޮތުގައިވެސް މިފަހަރު ތިބީ އަންހެނުންނެވެ. މިއީ އަންހެނުންގެ ވޯލްޑްކަޕް ފައިނަލެއްގައި 16 އަހަރުގެ ތެރޭގައި މިހެން ދިމާވި ފުރަތަމަ ފަހަރެވެ.