2018 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވުގައި 712 މިލިއަން ޑޮލަރު ހުރިކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު ވިދާޅުވީ މިއަދަދަކީ އޭގެ ކުރީ އަަހަރާ އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ ޖޫންމަސް ނިމުނުއިރު އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވްހުރީ 272 މިލިއަން ޑޮލަރުގައި ކަމަށާއި އަދި ހަމަ މިމުއްދަތު ނިމުނުއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 158 މިލިއަން ޑޮަަލަރު ހުރިކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ މާލީ ނިޒާމް ހަރުދަނާ ކުރުމަށް ކޮށްފައިވާ ބައެއް މަސައްކަތްތައްވެސް ގަވަރުނަރުގެ ވާހަކަފުޅުގައި ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން 2018 ވަނަ އަހަރުވެސް ދިވެހިރާއްޖޭގެ މާލީ ދާއިރާ ވަނީ ސުޕަވައިޒްކޮށްފައި ކަމަށާއި އަދި މިސުޕަވައިޒްކުރުމުގެ ތެރެއިން މާލީ ދާއިރާ އޮތީ ވަރަށް ހަރުދަނާކޮށް ކަމަށް އެނގިފައިވާ ކަމަށް ވިދާޅުވިއެވެ.

"2018 ވަނަ އަހަރު ރާއްޖޭގެ މާލީދާއިރާ އޮތީ ވަރަށް ހަރުދަނާކޮށް. މިނަޒަރުން ބަލާއިރު ބޭންކިން އަދި އެނޫންވެސް ދާއިރާތަކުގެ ފައިނޭންޝިންގް ރޭޝިއޯތަކާއި އެސެޓްސްތަކުގެ ފެންވަރު އަދި ރައުސްމާލުގެ ފުއްދުންތެރިކަން ވަރުގަދަކުރެވިފައި ވާއިރު، މިމިންގަނޑު ހުރީ ޖުމްލަ އެސެޓްސްގެ ނިސްބަތުން ރައުސްމާލު މަދުވެގެން ހުންނަންޖެހޭ ކަމަށް އެމްއެމްއޭއިން ކަނޑައަޅާފައިވާ މިންވަރަށްވުރެވެސް މަތީގައި ހިފެހެއްޓިފައި" ގަވަރުނަރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި މާލީ ދާއިރާއާ ގުޅުންހުރިކަންކަން އިސްލާހު ކޮށްދެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމުގައިވެސް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.