އެފްރިކާގެ ގައުމުތަކުގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ކުޅޭ މަޑަގަސްކަރަ އެންމެން ހައިރާންކޮށްލާފައި ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހިރާއްޖެ ކަހަލަ ގައުމުތަކާ ދެކޮޅަށް ނޫނީ މިހާތަނަށް މާބޮޑުކަމެއް ކުރެވިފައިނުވާ މަޑަގަސްކަރަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ވަރުގަދަ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް ޕެނަލްޓީޖަހައިގެން ކުރިހޯދައިގެންނެވެ.

މިސްރުގެ އިސްކަންދަރިއްޔާގައި މިރޭ ކުޅުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދޭއް ދޭކުން ދެ ޓީމު އޮތީ އެއްވަރުވެފައެވެ. އިތުރުވަގުތުގެ ކުޅުމުގައި ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖެހީއެވެ. މި ޝޫޓްއައުޓްގައި މަޑަގަސްކަރަ ކުރިހޯދީ ހަތަރެއް ދޭކުންނެވެ.

ވަރަށް ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލްޖަހައި ލީޑު ނެގީވެސް މަޑަގަސްކަރައިންނެވެ. މިގޯލްޖެހީ އަލްޖީރިޔާގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ އިބްރާހިމް އަމާދާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގޯލެއް ޖަހައި ކޮންގޯއިން އެއްވަރު ކުރިއެވެ. މިގޯލްޖެހީ ޗައިނާގެ ސުޕަރ ލީގުގައި ކުޅޭ ސެޑްރިކް ބަކަމްބޫއެވެ.

ދެވަނަ ހާފުގެ މެދުތެރޭގައި އަނެއްކާވެސް ގޯލެއްޖަހައި ދެވަނަ ފަހަރަށް މަޑަގަސްކަރައިން ލީޑު ހޯދިއެވެ. މިގޯލް ޖެހީ ފްރާންސްގެ ދެވަނަ ޑިވިޝަނުގައި ކުޅޭ ފަނޭވާ އަންޑްރިއަޓްސީމާއެވެ. މިނަތީޖާއިން މަޑަގަސްކަރަ މޮޅުވެގެން މެޗު ނިމެންދަނިކޮށް ފަހު މިނިޓުގައި ކޮންގޯއިން ދެވަނަ ލަނޑެއް ޖަހައި އެއްވަރުކުރީއެވެ. މިގޯލް ޖެހީ ޕޯޗުގަލްގެ ޕޯޓޯއަށް ކުޅެމުން އަންނަ އެމްބެމްބާއެވެ.

މަޑަގަސްކަރަ ވަނީ ގްރޫޕް ފިޔަވަހީގައިވެސް މިކަހަލަ ހައިރާން ކުރުވަނި ގޮތަކަށް ވަރުގަދަ ނައިޖީރިޔާ ބަލިކޮށް ގްރޫޕުގެ އެއްވަނަ ވެސް ހޯދައިފައެވެ. މަޑަގަސްކަރަ މިވަގުތު ދުނިޔޭގެ ރޭންކިންގެ 108 ވަނާގައި އޮތްއިރު މީގެ ފަސްއަހަރު ކުރިން އެގައުމު އޮތީ ދިވެހިރާއްޖެއަށްވުރެވެސް ފަހަތުން 190 ވަނައިގައެވެ.

ސެމީފައިނަލަށް ދިޔުމަށްޓަކައި މަޑަގަސްކަރަ ދެން ނިކުންނާނީ ރިޔާޒު މަހުރޭޒްގެ އަލްޖީރިޔާއާ ދެކޮޅަށެވެ. އަލްޖީރިޔާ ކުއާޓަރ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި މިރޭ ގިނީއާ ވާދަކޮށް ތިނެއް ސުމަކުން މޮޅުވެގެންނެވެ. ލަނޑު ޖެހީ އެސްޕަރެންސްގެ ޔޫސުފް ބިލާލީއާއި އާއި ނާޕޮލީގެ އާދަމް ޔޫނުސް އަދި މެންޗެސްޓަރ ސިޓީގެ ރިޔާޒު މަހުރޭޒްއެވެ.

މުބާރާތުގެ ދެވަނަ ބުރުގެ އެންމެ ފަހު ދެމެޗު ކުޅޭނީ މާދަމާރޭގައެވެ. އިރާކޮޅު މާލީ އާއި އައިވަރީކޯސްޓެވެ. ދަންވަރު ގާނާއާއި ޓިއުނީޝިއާއެވެ.