ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ތިނެއް އެކަކުން ޕެރޫ ބަލިކޮށް މި މުބާރާތުގެ ތަށި ނުވަވަނަ ފަހަރަށް ބްރެޒިލް އުފުލާލައިފިއެވެ.

ކޮޕާ އެމެރިކާ މިފަހަރު އޮތީ މާކުރިންވެސް ބްރެޒިލްއަށް ލިބޭގޮތަށް ރޭވި ނިމިފައިކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނިތާ ސައުވީސްގަޑިއިރު ފަހުން ބްރެޒިލް ތަށި އުފުލާލީ ކުރިން ހީކުރެވިފައިވާގޮތާ ޚިލާފަށް ނޭވާ ހިފަހައްޓާލަން ޖެހުނު ނުވަދިހަ މިނިޓުގެ ކުޅުމަކަށްފަހުގައެވެ.

މިއީ ބާރަ އަހަރުގެ ތެރޭގައި މި މުބާރާތް ބްރެޒިލްއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ 2016 ވަނަ އަހަރު އޮލިމްޕިކްސްގެ ފުޓްބޯޅައިން ރަންމެޑަލް ހޯދިފަހުން ބްރެޒިލްއަށް ކާމިޔާބުކުރެވުނު ފުރަތަމަ މުބާރާތެވެ. ފައިނަލުގައި ޕެރޫއަތުން މޮޅުވުމާއެކު އަމިއްލަ ގައުމުގައި ކޮޕާ އެމެރިކާ ބޭއްވުނު ކޮންމެފަހަރަކު ތަށި ހޯދުމުގެ ރިކޯޑް ބްރެޒިލް ވަނީ ދަމަހައްޓައިފައެވެ.

ރިއޯޑިޖެނޭރޯގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމުގައި މިރޭ ކުޅުނު ފައިނަލް މެޗުގެ ހީރޯއަކީ މެންޗެސްޓަރ ސިޓީގެ ގަބްރިއެލް ޖެސޫސްއެވެ. ބްރެޒިލްގެ ފުރަތަމަ ގޯލް ފަނަރަ ވަނަ މިނިޓުގައި ތަނަވަސްކޮށްދިނީ ޖެސޫސްއެވެ. އޭނާގެ އެސިސްޓަކުން މިގޯލް ޖެހީ ގްރެމިއޯގެ އެވަރޓަންއެވެ.

ފުރަތަމަ ހާފު ނިމިނިމިއޮއްވައި ޗިލީގެ ރެފްރީ ރޮބާޓޯ ޓޮބާރ ވަނީ ޕެރޫއަށް ޕެނަލްޓީއެއް ދީފައެވެ. މި ޕެނަލްޓީ ވައްދާލީ ބްރެޒިލްގެ އިންޓަނޭސިއޮނާލްއަށް ކުޅޭ ފޯވާޑް ޕައުލޯ ގުއެރޭރޯއެވެ.

ހަމަހަމަ ނަތީޖާއަކުން ފުރަތަމަ ހާފު ނިމޭނޭކަމަށް ހީކޮށްގެން ތިއްބައި މިހާފުގެ އިތުރުވަގުތުކޮޅުގެ ތެރޭގައި ޖެސޫސްވަނީ ގޯލެއްޖަހައި ބްރެޒިލްއަށް އަލުން ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފުގެ ހަތްދިހަ ވަނަ މިނިޓުގައި ޖެސޫސްކުރި ފައުލަކާއި ގުޅިގެން ދެވަނަ ރީނދޫކާޑަކާއެކު ރަތެއް ދައްކައި އޭނާ ދަނޑުން ފޮނުވައިލުމުން ބްރެޒިލްގެ ދުވަސް ދިޔައީކަމަށް ހީކުރެވުނެވެ. ޖެސޫސް ދަނޑުން ފައިބައިގެން ދަމުން ދެތިން ފުޅި ފެނުގައި ސައްޕުޖަހައި ވީޑިއޯ އެސިސްޓަންޓް ރެފްރީގެ މޮނިޓަރެއް ކޮއްޕައި ވައްޓާލިއެވެ.

އެކަކު މަދުވުމުގެ ފައިދާ ނެގޭތޯ ޕެރޫއިން ޕްރެޝަރު ޖައްސައިގެން އުޅެނިކޮށް ބްރެޒިލްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ރެފްރީ އަނެއްކާވެސް ދިން ޕެނަލްޓީއަކުންނެވެ. ސްޕޮޓްމަތިން މެޗުގެ ނުވަދިހަ ވަނަ މިނިޓުގައި ބްރެޒިލްގެ މިލަނޑު ވައްދައިލީ އިންގްލެންޑުގެ އެވަރޓަންގެ މިޑްފީލްޑަރު ރިޗަރލިސަންއެވެ.

ބްރެޒިލްއިން މި މުބާރާތް ނުވަ ފަހަރު ކާމިޔާބުކުރިއަސް ރިކޯޑް އޮތީ ފަނަރަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އުރުގުއޭގެ އަތުގައެވެ. އޭގެ ފަހަތަށް އަންނަނީ ސާދަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާއެވެ.