އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރު ކަމަުގެ މަގާމުންނާ ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރުކަމުން، ތަވަބާލަން ޕޫބަލަސިންގަމް އިސްތިޢުފާ ދެއްވައިފިއެވެ.

އުރީދޫން ބުނީ ތަވަބާލަން ޕޫބަލަސިންގަމް މި މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އުރީދޫ ގްރޫޕުގެ ފަރާތުން އިންޑޯސެޓް އުރީދޫގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމާ ގުޅިގެން ކަމަށެވެ.

ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި އިރު ތަވަބާލަން ޕޫބަލަސިންގަމް ވަނީ އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ކުރާ ދަތުރުގައި އެހީތެރިވެދެއްވައި، ކުންފުނީގައި މިހާރު ބޭނުންކުރަމުން އަންނަ ޕްރޮސެސްތައް ހަރުދަނާކުރުމުގެ އިތުރުން އައު ޕްރޮސެސްތައް ގާއިމުކޮށް، ކުންފުނީގެ ހިންގުން އިތުރަށް ވަރުގަދަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށްވެސް އުރީދޫއިން ބުނެއެވެ. އަދި ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ހުންނަވައި ކުންފުނި ހިންގުމަށް ތަވަބާލަން ޕޫބަލަސިންގަމް ދެއްވާފައިވާ ލަފަޔާއި އިރުޝާދުގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމުގެ މަގު ފަހިކޮށްދެއްވާފައިވާކަންވެސް އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ ތަވަބާލަން ޕޫބަލަސިންގަމްއަށް އިންޑޯސެޓުގައި މަސައްކަތް ކުރެއްވުމުގެ ފުރުޞަތު ލިބުމާ ގުޅިގެން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.