ޓޫރިސްޓް ވިސާގައި މަސައްކަތް ކުރަން އަންނަކަމަށް ތުހުމަތު ކުރެވިގެން މަހަކު 139 މީހުން ފޮނުވާލެވޭ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެ އެވެ.

ހަނަފީ މިހެން ވިދާޅުވީ ޓޫރިސްޓް ވިސާގައި ބިދޭސީން ރާއްޖެ އައިސް ޕްރޮފެޝަނަލް މަސައްކަތް ކުރަމުން ގެންދާތީ މަޝްހޫރު ފޮޓޯގްރާފަރު އަދި ސާފަރު، އަހްމަދު އަޒްނިލް އިއްޔެ އެކަން ހުއްޓުވުމަށް ރައީސް އޮފީސް ކުރިމަތީގައި ހިމޭން އިހުތިޖާޖެއް ކޮށްފައިވާތީ އެކަންބޮޑުވުންތަކަށް ޖަވާބުދެއްވުމަށް ކުރައްވާފައިވާ ޓުވީޓެއްގަ އެވެ.

ހަނަފީ ވިދާޅުވީ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ހާއްސަކޮށް ޕްރޮފެޝަނަލް ގިންތިތަކުގައި މަސައްކަތް ކުރާ ބިދޭސީން ހުއްޓުވާ އެފަރާތްތައް ފޮނުވާލުމަށްޓަކައި ރައްޔިތުންނާ ގުޅިގެން އިމިގްރޭޝަނުން އަބަދުވެސް މައްސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖެ އެތެރެވުމުގައި މިފަދަ ކަމަކަށް ކިރިޔާވެސް ތުހުމަތު ކުރެވޭ ފަރާތެއް ފާހަގަކުރެވިއްޖެ ނަމަ އެ ފަރާތެއް ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދީ ފޮނުވާލާނެ ކަމަށްވެސް ހަނަފީ ވިދާޅުވި އެވެ.

ޓޫރިސްޓް ވިސާގައި ބިދޭސީން ރާއްޖެ އައިސް ޕްރޮފެޝަނަލް މަސައްކަތް ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާނަމަ ([email protected]) އަށް އެ މައުލޫމަތު ހިއްސާ ކުރެއްވުމަށްވެސް ހަނަފީ ވަނީ އެދިވަޑައިގެންފަ އެވެ.

ބީދޭސީން ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ޕްރޮފެޝަނަލް މަސައްކަތް ކުރާ މައްސަލައަކީ އަަބަދުވެސް އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލަ އެކެވެ.

މީގެއިތުރުން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދިއުމާއި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު ދުވަހުން ދުވަހަށް މައްޗަށް ދިއުމަކީ ވެސް އާންމުން ކަންބޮޑުވާ މައްސަލަ އެކެވެ.