ނިމިދިޔަ ސަރުކާރުން ރިސޯޓު ހަދަން އެއް ރަށް، ތިން ފަރާތަކަށް ކުއްޔަށްދީ، އެ ފަރާތްތަކުގެ އަތުން ފައިސާ ނަގާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރު ލަސްވާ ވާހަކަ ބައެއް ބޭފުޅުން ދައްކާ ކަމަށާއި، ސަރުކާރު ލަސްވަނީ ނިންމަންޖެހޭ ގާނޫނީ އެތައް މައްސަލަތަކެއް ހުރުމުން ކަމަށެވެ. އެގޮތުން އދ. އަތޮޅު ފުށިދިއްގާ-ރަތްދިއްގާ، ރިސޯޓު ހަދަން ތިން ފަރާތަކަށް ދީ، އެފަރާތްތަކުގެ އަތުން ފައިސާ ނެގުމަކީ ގާނޫނީ މިފަދަ އެއް މައްސަލަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"މިފަދަ އެތައް މައްސަލައެއް އަދިވެސް އެބަހުރި. މިފާހަގަކޮށްލީ އެންމެ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފުށިދިއްގާ-ރަތްދިއްގާގައި ރިސޯޓު ހަދަން އެއް ބައެއްގެ އަތުން ހަ ލައްކަ ޑޮލަރު ނަގާފައިވާއިރު އެހެން ބައެއްގެ އަތުން އިތުރު 1.3 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށެވެ. މިފަދަ ބޮޑެތި މައްސަލަތައް ހުއްޓާ ސަރުކާރުގެ މަސައްކަތްތައް އަވަސްކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މިސަރުކާރުން އެއްވެސް މީހަކަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ. އަލީ ވަހީދު ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަަމަށާއި، އެހެންކަމުން ފުށިދިއްގާ-ރަތްދިއްގާއަށް ފައިސާ ދައްކާފައިވާ ތިން ފަރާތުގެ ހައްގުވެސް ނުގެއްލޭ ގޮތަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

"މި މައްސަލަތަކުގެ ޑީޓެއިލްސް ކޯޓު ތަކުން ހޯދަން ޖެހޭ، މިނިސްޓްރީ ތަކުން ހޯދަން ޖެހޭ. އިންޓާނަލް ތަހުގީގު ހިންގަން ޖެހޭ. މި ލެވެލްގައި އެބަހުރި. ސިޓީ- ބިޓީ އެބަހުރި ފެނިފައި އަނެއްކާ ގެއްލިފައި. މި ޕްރެސްކޮންފަރެންސަށް އައުމުގެ ކުރިން މިިނިސްޓްރީ އަކުން ގުޅާފަ ވިދާޅުވި ފޯޖު ކޮށްފައި އޮތް ސިޓީއެއް ފެނިއްޖެއޭ. އެމިނިސްޓްރީގެ ތެރެއިން، އެމިނިސްޓްރީގެ މީހެއްގެ ނަމުގައި، މިމިނިސްޓްރީގެ ތެރޭގައި ސިޓީއެއްގެ ގޮތުގައި ފޯޖުކޮށްފައި އޮތް ސިޓީއެއް އައި. މުޅި ދިވެހި ދައުލަތް އެފުށް މި ފުށަށް ޖަހާފަ އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަދަ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިގެން މިމައްސަލަތަކަށް ހައްލު ހޯދާނެ ކަމުގައިވެސް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.