މާލޭގެ ސްކޫލެއްގެ ތެރެއިން ގޮތްނޭގޭ ކޮންމެވެސް އެއްޗެއް ދަރިވަރުންނާއި މުވައްޒަފުންނަށް ފެންނަ ވާހަކަ އެއްސެވީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންބާވައެވެ. ކުރިޔަކުން އަޅުގަޑުވެސް އަޑެއް ނާހަމެވެ. އެކަމަކު ކުއްލިއަކަށް އެވާހަކަ ކަންބޮޑުވެ ހާސްވާ މިންވަރަށް އިވޭން ފަށައިފިއެވެ. އެހެންވީމާ މިނިންމީ އެވާހަކަތައް ކޮންމެވެސް މިންވަރަކަށް ހިއްސާ ކުރުމަށެވެ.

މިއެއްޗެއް ބައެެއް ފަހަރު ފެންނަކަމަށް ވަނީ ސްކޫލުގެ އެންމެމަތީ ބުރީގެ ފާޚާނާބަރީގެ ތެރެއިންނެވެ. ދުވާލުވެސް ފެނެއެވެ. ރޭގަޑުވެސް ފެނެއެވެ. އެތަނަށް ވަންނަ ކޮންމެ ކުއްޖަކަށް ހަމަކޮންމެ އިރަކު ފެންނަ އެއްޗެއް ނޫނެވެ. ފެންނަނީ ދޭތެރެ ދޭތެރެއިންނެވެ. ފެންނަ މަންޒަރު ކިތަންމެހާވެސް ބިރުވެރިއެވެ.

ފާޚާނާބަރީގައި ހުންނަ މޫނުބަލާ ލޯގަޑަކުން ފެންނަނީ އަންހެނެއްގެ މޫނެވެ. މޫނުގެ އެއްފަޅި ޒަޚަމްވެ ލޭފައިބައެވެ. އަނެއްފަޅި ޗެންޗޭނު ނުވަތަ ހިލިހިލާޒާތުގެ އެއްޗަކުން ފޮރުވިފައެވެ. ސިއްސައިގެންގޮސް ފަހަތަށް އެނބުރި ބަލާއިރު އެއްވެސް މީހެއް އަދި އެއްޗެއްވެސް ނުހުރެއެވެ. ދެން ލޯގަޑަކުންވެސް އެއްޗެއް ނުފެނެއެވެ. އެންމެ ފަހަރަކު އެއްގޮތަކަށް ފެނިފައި އެނބުރިލާ ވަގުތު ގެއްލެނީއެވެ.

މި މަންޒަރު ފެނުނު ދަރިވަރަކާއި އަޅުގަޑު ބައްދަލުވެއްޖެއެވެ. މިއެއްޗެއް ފެނިގެން އެދުވަހު އެކުއްޖާ ބިރުން ހުންއައިސް ވަރަށް ހާލުބޮޑުވިއެވެ. ކުއްޖާގެ ބެލެނިވެރިން މިކަމާ ވަރަށް ކަންބޮޑުވެގެން އުޅެއެވެ. ރަސްމީ ފަރާތްތަކަށްވެސް މި މައުލޫމާތު ވަނީ ދީފައެވެ.

މި ދަންނަވާ ކުއްޖާގެ އިތުރުންވެސް އެހެން ދަރިވަރުންނަށް ހަމަ މިމަންޒަރު މިގޮތަށް ފެނިފައިވާކަމަށް ވާހަކަ ދެކެވެއެވެ. ދެކެވެޔޭ މިދެންނެވީ ދުށް އެހެން ކުއްޖަކުގެ އަނގައިން އަޑުއިވިފައި ނެތީމައެވެ. ދަންނަ ބައެއް ދަރިވަރުން ކިޔައިދޭގޮތުން ސްކޫލްތެރޭގައި ވަރަށް ގިނަ ކުދިން އެވާހަކަ ދައްކައެވެ. މިވެނި ކުއްޖަކަށް އެވެނި އެއްޗެއް ފެނުނޭ މިޒާތަކަށެވެ.

މިމަންޒަރު ފެނުނު ކަމަށް އަޅުގަޑަށް ޔަގީންވާ ކުއްޖާގެ ބެލެނިވެރިޔާ މިކަމާބެހޭގޮތުން ސްކޫލުގެ މުވައްޒަފުންނާ އަދި ބައެއް ބެލެނިވެރިންނާ ވާހަކަ ދައްކާލުމުން އިތުރު ފެނުންތަކެއްގެ ވާހަކަވެސް ތިލަވެގެން އަތުވެއްޖެއެވެ. އެވާހަކަތައް އައީ މިގޮތަށެވެ. މިވެނި ޓީޗަރަކު ސްޓާފް ރޫމުގައި އެހެން ޓީޗަރަކާ ވާހަކަ ދައްކާންހުރެފައި ފަހަތަށް ބެލުމަށްފަހު ދެން އަނެއްކާ ކުރިމައްޗަށް ބެލިއިރު ޓީޗަރު ގެއްލިއްޖެއެވެ. އެރީ އުޑަށްކަމެއް ވަނީ އަޑިއަށްކަމެއް ނޭގުނެވެ. މިކަން ސްކޫލުގެ ސަމާލުކަމަށް ގެނައީމާ އެއީ ތެދެއްތޯ ބަލަން ސީސީޓީވީ ފުޓޭޖްވެސް ޗެކްކުރިއެވެ. އެކަމަކު އެއްވެސް އިރެއްގައި އެތަނުން އެހެން ޓީޗަރަކު ނުފެނެއެވެ. ފެންނަނީ އެންމެ މީހެކެވެ. ދެން އޭނާ ހައިރާންވެފައި ހުރެގެން ކޮޅުކޮޅަށް ބަލާ މަންޒަރާއި ހިނގާ މަންޒަރެވެ.

މިވާހަކައިން އެނގެނީ ނުވަތަ ދޭހަވަނީ އެ އެއްޗެއް ފާޚާނާބަރީގެ ތެރެއިން ނޫނަސް އަދި އެސިފައިގައި ނޫނަސް އެބަފެންނަކަމެވެ. ޓީޗަރުންގެ ސިފައިގައި، ބެލެނިވެރިންގެ ސިފައިގައި އަދި ދަރިވަރުންގެ ސިފައިގައެވެ.

މިޒާތުގެ ވާހަކައެއް ޔަގީންކުރުމަށްޓަކައި ސްކޫލުގެ ފަރާތުން މައުލޫމާތު ހޯދަން އުޅެފިއްޔާ ދެން ވާނެގޮތް އެންމެ ބޭފުޅުންނަށްވެސް އެގިވަޑައިގަންނަވާނެއެވެ. މިޒާތުގެ ވާހަކައެއް އަޑުއެހި މީހަކާވެސް ދިމަލެއް ނުވާނެއެވެ. ދެނަހުރިކަމަކަށްވެސް ނުވާނެއެވެ. އެއީ ކަމުގެ ބާވަތުންނެވެ. މިކަން މިހެންހުރީމާ ތަނުގެ ނަންވެސް ނުގެނެސް މިފެންނަ މަންޒަރުތަކެއްގެ ވާހަކަ ކިޔުންތެރިންނާ ހިއްސާކުރީއެވެ. ބައެއް ބޭފުޅުން ގަބޫލުކުރައްވައިފާނެއެވެ. ގިނަބޭފުޅުން ހިނިފުޅުވަޑުވާފައި ތިޔައީ ނޫސްވިއްކަން ލިޔާ ފޭކު ނިއުސްއޭ ވިދާޅުވެދާނެއެވެ.