ވިލާ ގުރޫޕްގެ ބޮޑު ހިއްސާއެއް އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަންޖެހޭ 130 މިލިއަން ރުފިޔާ ދައްކައިފިއެވެ.

ދައުލަތުން މިފައިސާ ދައްކާފައި މިވަނީ އެކުންފުންނަށް ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަންޖެހޭ ފައިސާގެ ތެރެއިން 5.6 މިލިއަން ޑޮލަރު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ. ކޯޓުން ބޭރުގައި ވިލާ ގުރޫޕާއި ސަރުކާރާ ދެމެދު މަޝްވަރާކޮށްގެން އެއްބަސްވެވުނު އަދަދު ޑަބްލިއުއެލްޓީއަށް ހަމަޖައްސައިދިނުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް އެދުވަހު ރައީސް ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނީ ޑަބްލިއުއެލްޓީއަށް 130 މިލިއަން ރުފިޔާ މިއަދު ދައްކާފައިވާ ކަމަށާއި އެއީ ވިލާއިން ދައުލަތަށް ދައްކަންޖެހޭ ޓެކްސްއާއި ދަރަންޏަށް ކެނޑުމަށްފަހު އެއްބަސްވި އަދަދު ކަމަށެވެ.

ޑަބްލިއުއެލްޓީއަށް ދައުލަތުން ދޫކުރި ރަށްތަކެއްގެ އެޑްވާންސް ފައިސާ ދައުލަތަށް ބަލައިގަތުމަށްފަހު ރަށްތައް ހަވާލުނުކުުރުމުން ޑަބްލިއުއެލްޓީއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 13 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުވަތަ 200 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކުންފުންޏަށް ދިނުމަށް މިއަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް)އަށް އޭރުގެ ސަރުކާރުން ދޫކުރި ތިން ރަށެއް ޑަބްލިއުއެލްޓީން ނެގުމަށްފަހު އެރަށްތަކުގެ އެޑްވާންސަށް ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށް ކުރި ދައުވާގައި ޝަރުއީ ހުރިހާ މަރުހަލާއެއްގައި މިމައްސަލަ ނިމިފައިވަނީ ޑަބްލިއުއެލްޓީއާ އެއްކޮޅަށެވެ. މިމައްސަލާގައި ޑަބްލިއުއެލްޓީން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރު ހޯދުމަށް ދައުވާ ކޮށްފައެވެ. އެކަމަކު ސުޕްރީމް ކޯޓުން މިމައްސަލަ ނިންމިއިރު ހުކުމްކޮށްފައިވަނީ ފައިނޭންސް ކޯސްޓަށްވާ 13 މިލިއަނަށްވުރެ ގިނަ ޑޮލަރު އެއްމަސް ތެރޭގައި ޑަބްލިއުއެލްޓީއަށް ދެއްކުމަށާއި ޑަބްލިއުއެލްޓީން އެޑްވާންސަށް ދައްކާފައިވާ 16.9 މިލިއަން ޑޮލަރު އަނބުރާ ދައްކަން ދަށު ކޯޓާއި ހައިކޯޓުގެ ހުކުމުގައި ކަނޑައެޅި ބައި ރަނގަޅު ކަމަށެވެ.

މީގެ އިތުރަށް ދަތުރުފަތުރާއި އޮޕޮޗުނިޓީ ކޯސްޓާއި އެހެނިހެން ޚަރަދުތަކުގެ ގޮތުގައި ޑަބްލިއުއެލްޓީން ހޯދަން އެދުނު 103 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައުލަތުން ޑަބްލިއުއެލްޓީއަށް ދޭންޖެހޭކަން ސާބިތުކޮށްދެވިފައި ނުވާތީ އެ މައްސަލާގައި ބަދަލު ނަގައިދެވޭނެ ތަނެއް ނެތް ކަމަށްވެސް ސުޕްރީމް ކޯޓުން ނިންމާފައިވެ އެވެ. އަދި ދެ ފަރާތުން ހަދާފައިވާ އެއްބަސްވުމުގައި ވަކީލު ފީއާ ގުޅޭގޮތުން އެއްބަސްވެފައި ނުވާތީ ވަކީލު ފީގެ ގޮތުގައި ހޯދަން ޑަބްލިއުއެލްޓީން އެދުނު ފައިސާ ވެސް ނަގައިދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެއެވެ.