ކަންކަމުގެ ހަގީގަތް އެނގިގެންނޫނީ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު، އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގޮވާލައްވައިފިއެވެ.

ޝަރީފް މިކަމަށް ގޮވާލެއްވީ، މިމަހުގެ 4ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަަށް ރައްދު ދެއްވައި ވީނިއުސްރޫމުގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަަމުންނެވެ.

އިދިކޮޅު ކޯލިޝަނުން އަންނަނީ، ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލިކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު \ކިޔަމުންނެވެ.

ފާޑު ކިޔުންތަކަަށް ރައްދު ދެއްވައި ޝަރީފް ވަނީ، އެއްވެސް މައުލޫމާތެއް އޮޅުންފިލުވަން ބޭނުންފުޅުވާނަމަ އިލެކްޝަންސް ކޮމިޝަނާ އެކަމާ ބެހޭގޮތުން ސުވާލު ކުރައްވައި ތެދު މައުލޫމާތު ހޯއްދެވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ، ވޯޓު ކަރުދާސްތައް ނަައްތާލީ، ވޯޓު ކަރުދާސްތައް ނައްތާ ނުލާންވީ އެއްވެސް ސަބަބެއް ނެތުމުން ކަމަށެވެ. އެެއްވެސް ފަރާތަކުން ވޯޓު ކަރުދާހުގެ މައްސަލަ ބަލާކަން އެނގިފައި ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން އެންގި އެންގުމުގައި ވޯޓު ކަރުދާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނެތް އަންގާފަ. އެއީ ތެދެއް. އެކަމަކު އެމައްސަލަ އެއްވެސް ފަރާތަކުން އޭރު ނުވެސް ބަލާ. އެހެންވީމަ ވޯޓު ކަރުދާސްތައް ނައްތާނުލާ ބެހެއްޓުމުގެ ސަބަބެއް ކޮބާ؟" ޝަރީފް ސުވާލު ކުރެއްވިއެވެ.

ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ވޯޓު އޮޅުވާލިކަމުގެ ތުހުމަތު އާންމުގޮތެއްގައި އިންތިހާބުން ބަލިވާ ޕާޓީން ކުރާނެ ކަމަށެވެ. އެކަން ހުއްޓުވުމުގެ އެބޭފުޅާގެ ވިސްނުމުގައި ޔަގީނުންވެސް އެބަހުރިކަމަށް އަކްރަމް ވިދާޅުވިއެވެ.

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ވޯޓު ކަރުދާސްތަކެއް އިލެކްޝަންސްއިން ނައްތާލާނީ ކިހިނެއްތޯ އަކްރަމް ވަނީ ސުވާލު އުފައްދަވާފައެވެ.

ވަކި ޕާޓީއަކަށް ވަކި ހާއްސަގޮތެއް ބަހައްޓާކަމަށް ނުވަތަ ފޭވަރިޒްމްގެ އަމަލުތައް އިލެކްޝަންސްއިން ހިންގާކަމުގެ ތުހުމަތު މި ދެބޭފުޅުންވެސް ވަނީ ދޮގު ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަން އަބަދުވެސް ހިންގާނީ ވަކި ފްރޭމެއްގެ ދަށުން ކަމަށާއި އެފްރޭމްއިން ބޭރަށް ދާކަމަށްވާނަމަ އެކަން އެބޭފުޅުންގެ ސަމާލުކަމަށް ގެނައުމަށް ވަނީ އިލްތިމާސްވެސް ކުރައްވާފައެވެ.