ޗައިނާއިން ސްރީލަންކާއަށް ހަދިޔާކުރި އަސްކަރީ މަނަވަރު، ކޮޅުނބަށް ބަނދަރުކޮށްފިއެވެ.

މި މަނަވަރު ސްރީލަންކާ ކަނޑުގެ ސިފައިންނާ ހަވާލުކުރުމަށް މިއަދު ވަނީ ޚާއްސަ ރަމިއްޔާތެއްވެސް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާ ކަނޑުގެ ސިފައިންގެ ކޮމާންޑަރ ވައިސް އެޑްމިރަލް ޕިޔާލް ޑި ސިލްވާ ވަނީ، މަނަވަރު ހަދިޔާ ކުރެއްވި ކަމަށްޓަކައި ޗައިނާ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ވިދާޅުވީ، މި މަނަވަރަކީ ޗައިނާއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ރަހްމަތްތެރި ގުޅުމުގެ ރަމްޒެއް ކަމަށް ސްރީލަންކާ ކަނޑުގެ ސިފައިން ދެކޭ ކަމަށެވެ.

ކަނޑުގެ ސިފައިންގެ ވެރިޔާ ވިދާޅުވީ، މަސްތުވާތަކެތި ޓްރެފިކް ކުރުންފަދަ ގާނޫނާ ޚިލާފް އެތައްކަމެއް ސްރީލަންކާ ކަނޑުގެ ސަރަހައްދުގައި ހިންގަމުން ގެންދާ ކަމަށާއި، މިކަންކަމާހެދި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ.

ޗައިނާއިން ހަދިޔާކުރި މަނަވަރުގެ ސަބަބުން ސްރީލަންކާގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ސްރީލަންކާގެ ކަނޑުގެ ސިފައިންނަށް އިތުރު ގާބިލްކަމެއް ލިބިގެންދާނޭ ކަމަށްވެސް، ވައިސް އެޑްމިރަލް ޕިޔާލް ޑި ސިލްވާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ޗެންގްޝުއެޔުއާން ވިދާޅުވީ، ސްރީލަންކާއަކީ ޒަމާނުއްސުރެ ޗައިނާގެ ގާތް ރަހްމަތްތެރި އަވަށްޓެރިއެއް ކަމަށެވެ.

ޓެރަރިޒަމާއި، އެނޫންވެސް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ޗައިނާ ސަރުކާރާއި، ޗައިނާގެ ރައްޔިތުން އަބަދުވެސް ތިބޭނީ ސްރީލަންކާގެ ރަހްމަތްތެރިންނާ އެކުގައި ކަމަށް، ޗައިނާ އެމްބަސެޑަރ ވިދާޅުވިއެވެ.

ޗައިނާއިން ސްރީލަންކާއަށް ހަދިޔާކުރި އަސްކަރީ މަނަވަރަށް ދީފައިވާ ނަންބަރަކީ "ޕީ625" އެވެ. މި މަނަވަރު މައިގަނޑުގޮތެއްގައި ބޭނުންކުރާނީ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށާއި، ތިމާވެށި މޮނިޓަރ ކުރުމަށާއި، ކަނޑުފޭރުމުގެ އަމަލުތައް ހިންގުން ހުއްޓުވުމަށް ކަމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ސްރީލަންކާގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަނަވަރު ދިނުމުގެ ކުރިން ސްރީލަންކާގެ ކަނޑުގެ ސިފައިންގެ 110 އޮފިސަރުން ޝަންހާއީއަށް ގެންގޮސް، ދެމަސްދުވަހުގެ އެންމެ މަތީ ފެންވަރުގެ ތަމްރީނުވެސް ދީފައިވާ ކަމަށެވެ. މިއީ، މަނަވަރަށް ޚާއްސަ ކުރެވުނު ޓީމެކެވެ.