މިސްރުގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓަރ ފައިނަލުގެ އެންމެފަހު ދެ ޖާގަ ޓިއުނީޝިޔާއާއި އައިވަރީކޯސްޓް ރޭ ހޯދައިފިއެވެ.

އައިވަރީކޯސްޓް މޮޅުވީ ދެވަނަ ބުރުގައި މާލީއާ ވާދަކޮށް އެކެއް ސުމަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް އައިވަރީކޯސްޓަށް ކާމިޔާބުކޮށްދިނީ އިނގިރޭސިވިލާތުގެ ކްރިސްޓަލް ޕެލަސްއަށް ކުޅޭ ވިލްފްރިޑް ޒަހާއެވެ. މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލަ ފޮނުވާލާފައިވަނީ މާލީންނެވެ.

ޓިއުނީޝިއާ އާއި ގާނާ ބައްދަލުކުރި މެޗުގެ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ އެކެއް އެކަކުން އެއްވަރުވެފައެވެ. ފުރަތަމަ ގޯލްޖަހައި ޓިއުނީޝިއާއަށް ލީޑް ހޯދައިދިނީ އެސްޕަރެންސްގެ ފޯވާޑް ތޯހާ ޔާސީން ޚާނިސީއެވެ. މިނަތީޖާއިން މެޗު ނިމެންދަނިކޮށް ގާނާއަށް އެއްވަރުކުރެވުނީ އެންމެ ފަހު މިނިޓުގައި ޓިއުނީޝިއާގެ ޑިފެންޑަރ ރަމީ ބަދޫއީ އަތުން ބައިކޮޅަށް ގޯލެއް ވަނުމުންނެވެ.

އިތުރުވަގުތުގެ ކުޅުމުގައިވެސް މިނަތީޖާއަށް ބަދަލެއް ނައުމުން ދެންދިޔައީ ޕެނަލްޓީއަށެވެ. ޕެނަލްޓީޝޫޓްއައުޓުގައި ޓިއުނީޝިޔާ ކުރިހޯދީ ފަހެއް ހަތަރަކުންނެވެ. ގާނާއަތުން ބޭކާރުވި ޕެނަލްޓީއަކީ ތުރުކީގެ ލީގުގައި ކުޅޭ ސަލަބް އެކުބާން ފޮނުވާލި ޕެނަލްޓީއެވެ. އެބޯޅަ މަތަކުރީ ޓިއުނީޝިއާގެ ކީޕަރެވެ.

ކުއާޓަރ ފައިނަލުގައި ޓިއުނީޝިއާ ނިކުންނާނީ މަޑަގަސްކަރައާ ދެކޮޅަށެވެ. އައިވަރީކޯސްޓް ނިކުންނާނީ އަލްޖީރިޔާއާ ދެކޮޅަށެވެ.