އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލްކުރާނެ ދެ ޑިރެކްޓަރުން އިންތިހާބުކޮށްފި އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ދެ ޑިރެކްޓަރުންގެ ފޮތުގައި އިންތިހާބުކޮށްފައިވަނީ ފަތުހުﷲ އިސްމާއިލާއި އަހުމަދު އަބޫބަކުރު އެވެ. އެގޮތުން ފަތުހުﷲ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުވެފައިވަނީ 35.20 ޕަސެންޓް ވޯޓުންނެވެ. އަދި އަހުމަދު އަބޫބަކުރު އިންތިހާބުވެފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 34.20 ޕަސެންޓް މީހުން ވޯޓު ދީގެންނެވެ.

އެމްޓީސީގެ ބޯޑުގައި ސަރުކާރު ތަމްސީލުކުރާ ފަސް ޑިރެކްޓަރުން ތިބޭއިރު އާންމު ހިއްސާދާރުން ތަމްސީލުކުރަނީ ދެ ޑިރެކްޓަރުންނެވެ. ސަރުކާރު ތަމްސީލްކުރާ ފަސް ޑިރެކްޓަރުންނަކީ ސީއީއޯ ހަސަން ޝާހު، މުހައްމަދު ފަހީމް، ޝާހިދު ހުސައިން މޫސާ، ގާނޫނީ ވަކީލް އަބްދުﷲ ޝާއިރުގެ އިތުރުން އޮންލައިން ނޫސް ވަންއޮލައިންގެ ވެރިޔާ ސިނާން އަލީ އެވެ.

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ޖުމްލަ 1694 ހިއްސާދާރުން ބައިވެެރިވެފައިވާއިރު މީގެތެރެއިން 1638 ހިއްސާދާރުން މިޖަލްސާގައި ބައިވެރިވެފައިވަނީ ޕްރޮކްސީ މެދުވެރިކޮށެވެ.

މީގެއިތުރުން އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ވަނީ ކުންފުންޏަށް 2018 ވަނަ އަހަރު ލިބުނު ފައިދާ އާއި ގެއްލުން ހިއްސާދާރުންނާއި ހިއްސާކޮށްފަ އެވެ. އެގޮތުން ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 34.27 މިލިއަން ރުފިޔާއެވެ. އެއީ 2017 ވަނަ އަަހަރާ އަޅާ ބަލާއިރު 111 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 145 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނީ ކުންފުނީގެެ ފައިދާ ދަށްވެފައިވަނީ ދަތުރުފަތުރުގެ ދާއިރާއާއި ކުންފުނީގެ ކޮންނަބޯޓު، މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވުމުން ކަމަށެވެ. އަދި ހަރަދާ އެކަށީގެން ނުވާ ކުޑަ އަގެއްގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުމަކީ ފައިދާ ދައްވި ސަބަބެއް ކަމަށް ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން މިޖަލްސާގައި ވަނީ ކުރިއަށް އޮތް އަހަރު ކުންފުނި އޮޑިޓް ކުރުމަށް ޕްރައިސް ވޯޓާ ހައުސް ކޫޕާސް ކަނޑައެޅުމަށްވެސް ފާސްކޮށްފަ އެވެ. އެ ކުންފުންޏާ ކުންފުނި އޮޑިޓް ކުރުމަށް ހަވާލުކުރީ 400،262 ރުފިޔާ އަށެވެ.