އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ ކުންފުނީގެ ހިއްސާދާރުންނަށް ނުބަހަން ފާސްކޮށްފި އެވެ.

ހޮޓެލް ޖެންގައި ބޭއްވި އެމްޓީސީސީގެ އަަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރު ލިބުނު ފައިދާ ކުންފުނީގެ ހިއްސާދާރުންނަށް ނުބެހުމަށް ނިންމީ މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާ ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުންނެވެ.

ކުންފުންޏަށް ލިބުނު ފައިދާ ނުބަހަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 97.80 ޕަސެންޓު ހިއްސާދާރުންގެ ވޯޓާއެކު އެވެ.

ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 34.27 މިލިއަން ރުފިޔާ އެވެ. އެއީ 2017 ވަނަ އަަހަރާ އަޅާ ބަލާއިރު 111 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. 2017 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 145 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީ އަށް އެންމެ ބޮޑު ގެއްލުމެއް ލިބެނީ ދަތުރުފަތުރުގެ ދާއިރާއިން ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން މިދިޔަ އަހަރު އެކުންފުންޏަށް ދަތުރުފަތުރުގެ ދާއިރާ އިން 82 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ލިބިފަ އެވެ. އޭގެތެރެއިން 43.53 މިލިޔަން ރުފިޔާއަކީ އަތޮޅުތެރޭގެ ފެރީގެ ޚިދުމަތުން ލިބުނު ގެއްލުމެވެ.

މިޖަލްސާގައި އެމްޓީސީސީން ދެމުންގެންދާ ހިދުމަތްތަކުން ލިބުނު ފައިދާއާއި، ގެއްލުމާއި ގުޅޭގޮތުން އެކުންފުނީގެ ސީއީއޯ ހަސަން ޝާހު ވަނީ ޕްރެޒެންޓޭޝަނެއް ދެއްވާފަ އެވެ. އެގޮތުން އެމްޓީސީން ދެމުންގެންދާ ހިދުމަތްތަކުން ފައިދާވެފައިވަނީ ތިލަފުށީ އާންމު ފެރީއާއި، މެޓްރޯ ބަހުންނެވެ. އަދި އެމްޓީސީސީން ދެމުން އަންނަ އެހެން ހުރިހާ ހިދުމަތްތަކުން ވަނީ ގެއްލުންވެފައި ކަމަށް ޝާހް ވަނީ ވިދާޅުވެފަ އެވެ. ތިލަފުށީގެ އާންމު ފެރީގެ ހިދުުމަތުން 3.92 މިލިއަން ރުފިޔާ ފައިދާވެފައިވާއިރު މެޓްރޯ ބަހުގެ ހިދުމަތުން 3.23 މިލިއަން ރުފިޔާގެ ފައިދާވެފައިވާ ކަމަށް ޝާހް ވިދާޅުވި އެވެ.

2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ބަލާއިރު، ދަތުރުފަތުރުގެ ދާއިރާ އިން ގެއްލުންވާން ފެށީ ކުރިން ސަރުކާރުން ދެމުން ދިޔަ ސަބްސިޑީ ކަނޑާލުމުން ކަމަށް ޝާހް ވިދާޅުވި އެވެ. އެގޮތުން 2014 އަދި 2015 ވަނަ އަހަރު އާންމު ދަތުރުފަތުރުގެ ދާއިރާ އަށް ސަރުކާރުން ސަބްސިޑީއެއް ދިން ކަން ޝާހު ފާހަގަ ކުރެއްވި އެވެ.

ސިނަމާލެ ބުރިޖް ހުޅުވުމާއި ގުޅިގެން ފެރީދަތުރުގެ ނިޒާމަށް ލިބޭ ޑިމާންޑް ކުޑަވުމުގެ ސަބަބުން އާންމު ފެރީ ދަތުރުގެ މަސައްކަތް މަދުކުރި ކަމަށްވެސް ޝާހް ވަނީ މައުލޫމާތު ދެއްވާފަ އެވެ. އެއީވެސް އެކުންފުންޏަށް ލިބުނު ގެއްލުމެއް ކަން ޝާހު ވަނީ ފާހަގަކުރައްވާފަ އެވެ.

ޝާހު ވިދާޅުވީ ދަތުރުފަތުރުން ކުންފުންޏަށް ލިބޭ ގެއްލުން ސަބްސިޑައިޒް ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރާއްޖޭގެ ދެ ސަރަހައްދެއް ފިޔަވައި އެހެން ހުރިހާ ސަރަހައްދަކަށް އެމްޓީސީސީން ގެންދަނީ އާންމު ދަތުރުފަތުރުގެ ހިދުމަތް ދެމުންނެވެ.