ސަރުކާރުގެ ކުންފުނިތައް އަދި އަމިއްލަ ކުންފުނިތައް ހިމެނޭގޮތަށް ކުންފުނިތަކުގެ ޑައިރެކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ފަށައިފި އެވެ.

މިތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަަފުޅު ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް ހެޑް އޮފް ސީއެމްޑީއޭ އާމިނަތު މުހައްމަދު ދީދީ ވިދާޅުވީ މި ޕްރޮގްރާމްގެ އަމާޒަކީ ކުންފުނިތަކުގެ ޑިރެކްޓަރުން ކޯޕަރޭޓް ގަވާނަންސް އުސޫލުތަކަށް އަހުލުވެރިކުރުވުމާއި، އުސޫލުތަކާ އެއްގޮތަށް ކުންފުނީގެ ހިންގުން ބައްޓަންކުރުމުގައި ބޯޑުގެ ޒިންމާއާ މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުން ކަމަށެވެ. ރާއްޖޭގެ ގިނަ ކުންފުނިތަކެއްގެ ޑައިރެކްޓަރުން މިތަމްރީން ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި ޖުމްލަ 34 ފަރާތަކުން ބައިވެރިވެފައިވެ އެވެ.

ކުންފުނިތަކުގެ ހިންގުމާ ހަވާލުވެ ތިބެނީ އެކި ކަންކަމަށް ތަމްރީނުވެފައިވާ ފަރާތްތައްކަން ފާހަގަކުރައްވަމުން އާމިނަތު ވިދާޅުވީ މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާނީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ކޮންމެހެން އިނގެންޖެހޭ މައުލޫމާތުތައް ޑައިރެކްޓަރުންނަށް ލިބޭ ގޮތަށް ކަމަށެވެ. އެގޮތުން ޑައިރެކްޓަރުން ތަމްރީނުކުރުމަށް މިއަދު ފެށި މި ޕްރޮގްރާމު މުޅިއެކު ހަތް ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ. މި ސެޝަންތަކުގައި ކުންފުންޏާ ބެހޭ ގާނޫނާއި، ޓެކްސްގެ ނިޒާމާއި، އެންޓި ކޮރަޕްޝަނާއި، އޮޑިޓިންގެ މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

އާމިނަތު އިތުރަށް ވިދާޅުވީ މި ސެޝަންތަކުގެ ތެރެއިން ބޯޑް ޑައިރެކްޓަރެއްގެ ތަޖުރިބާ ހިއްސާކުރުންވެސް ކުރިއަށްދާނެ ކަމަށެވެ. މިޕްރޮގްރާމްގައި ސެޝަންތައް ނަގައިދިނުމަށް ހަަމަޖައްސާފައިވަނީ ރާއްޖޭގައި މިދާއިރައިން ތަޖުރިބާކާރު ފަރާތްތައް ކަމުގައިވެސް އާމިނަތު ވަނީ ވިދާޅުވެފަ އެވެ.

މި ސެޝަންތައް މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.