ކުރިޔަށްއޮތް 3 އަހަރުތެރޭ 45 ރިސޯޓު ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވޭރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެމިނިސްޓްރީގެ ޑިވޮލޮޕްމަނަޓް ސެކްޝަނުން ދީފައިވާ މައުލޫމާތަށް ބަލާއިރު ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 45 ރިސޯޓެއް ހުޅުވޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޓުއަރިޒަމް ސިނާއަތަށް އާ ރިސޯޓްތައް ނެރުމުގެ އިތުރުން، މިހާރު މަސައްކަތް ހުއްޓިފައި ހުރި ރަށްތަކުގެ މަސައްކަތް އަވަސްކުރުމަށް ވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުން ބެލިބެލުމުން ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން 70 ވަރަކަށް ރަށުގެ މަސައްކަތް ހުއްޓިފައިވާކަން ފާހަގަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ވާނީ 30 ރައް އައިޑެންޓިފައިކޮށްފަ ފޮނުވާފަ. އަދި އެބައޮތް ބާކީ 40 ރައް. އަޅުގަނޑުމެންގެ އަމާޒަކީ ކޮންޓްރެކްޓްސްއަށް ބަލާފަ ކޮންޓްރެކްޓެއްގަ އަޅުގަނޑުމެން މިދެކޭ ގޮތުގައި އެއީ ދެކޮޅު އޮންނަ އެއްޗެއް. ހަމައެކަނި އޭގެ ލީސް މާއްދާއެއް ނޫން އަޅުގަނޑަށް ފެންނަނީ މިތާ އިންނައިރު،" މިނިސްޓަރު ވިދާޅިވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގެ 17 ވަރަކަށް އަތޮޅަށް ދެވިއްޖެ ކަމަށާއި، މިމަސްތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދެވޭނެކަމަށެވެ. ރިސޯޓްތައް ހެދުމުން ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވޭނެކަމަށާއި އާމްދަނީ ލިބޭނެ ގޮތްތަކެއް މަގުފަހިވެގެންދާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ރަށްރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އެސަރަޙައްދުތަކުގައި ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްރަށުގެ މަސައްކަތް ނުނިމުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ޓޫރިޒަމް މިނިސްޓްރީއާއި ހަވާލުވިއިރު، 7 ޕަސެންޓް އަންހެން ކަނބަލުން އުޅެނީ މި ދާއިރާގަ. އަޅުގަނޑުމެން ބޭނުންވެ ފިފްތް ޓޫރިޒަމް މާސްޓާރ ޕްލޭން ނިމިގެން އަންނައިރު، އެއަދަދު ބަދަލުވާން. އެއަދަދު ބަދަލުވާނެގޮތް އިންޑަސްޓްރީއާއި އެއްކޮށް އަޅުގަނޑުމެންނަށް އެ ފޯމިއުލާ ނެރެން ބޭނުންވެ. ކިހިނެއް ތޯ. ކޮންގޮތަކަށް ތޯ. ހަމަހުރެފަ އެއަދަދު ބަދަލެއް ނުވާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބައެއް ރަށްރަށުގެ މަސައްކަތްތައް ލަސްވެފައިވަނީ ކުރީގެ ސަރުކާރުން ބައެއް ވިޔަފާރިވެރިންނަށް ޖެއްސުންކުރުމުގެ ގޮތުން ހިންގި އަމަލުތަކުގެ ސަބަބުން ކަމަށެވެ.