ފްރާންސްގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމަން( ޕީއެސްޖީ)އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާ، އެކުލަބުގެ ޕްރީ ސީޒަން ޕްރެކްޓިހުގައި ބައިވެރިނުވާތީ ފިޔަވަޅު އެޅުމަށް ނިންމައިފި އެވެ.

ނޭމާގެ އަމަލުތައް މިހާރު ހުންނަގޮތާ މެދު ކަންބޮޑުވާކަން ފާހަގަކޮށް ޕީއެސްޖީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެ އޮތް ޕްރެކްޓިހަށް ވެސް ނޭމާ ނިކުމެފައިނުވާއިރު، ޕްރެކްޓިހަށް ނުނިކުތް ސަބަބު ވެސް އެންމެ ކުޑަމިނުން އަންގާފައި ނުވާ ކަމަށެވެ. އަދި ނޭމާ ޕްރީ ސީޒަނުގައި ބައިވެރިނުވާ ސަބަބު އޮޅުން ފިލުވުމަށް ފަހު ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް ވެސް ޕީއެސްޖީއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ނޭމާގެ ބަދަލުގައި ޕީއެސްޖީން މިހާރު ބޭނުންވަނީ ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ފިލިއްޕޭ ކުޓީނިއޯ އެވެ.

ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯއާ ހަވާލާދީ މީޑިއާތަކުން އިއްޔެ ރިޕޯޓްކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ފޯވާޑް ނޭމާ ގަތުމަށް ރަނގަޅު އަގެއް ކްލަބަކުން ހުށަހަޅައިފި ނަމަ ލަސް ނުކޮށް އޭނާ ވިއްކާލަން ކުލަބުން ވެސް މިހާރު ވަނީ ނިންމާފައި ކަމަށެވެ.

ނޭމާ ވިއްކާލުމަށް ޕީއެސްޖީން ބޭނުންވަނީ ދުނިޔޭގެ ރެކޯޑު އަގެއް ކަމަށްވާ 220 މިލިއަން ޔޫރޯއެވެ. މި އަގުގައި ކުޅުންތެރިއެއް ހޯދުމަށް އިނގިރޭސި ކުލަބުތަކުން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާއިރު ނޭމާ ގެ އަހުލާގު ހުރި ގޮތުން ގިނަ ކުލަބުތަކުން ވަނީ އޭނާ ބޭނުންނުވާ ކަން ހާމަކޮށްފައެވެ. އަދި ބާސެލޯނާއި ރެއާލް މެޑްރިޑުންވެސް ނޭމާ ހޯދުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ޕީއެސްޖީއާއި ނޭމާ މައްސަލަ ޖެހުނުކަން އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ އެ ކްލަބްގެ ރައީސް ނާސިރު އެލް ހެއްލާފީ ނުސީދާގޮތެއްގައި ނޭމާއަށް އިންޒާރެއް ދިން ހިސާބުންނެވެ. އެގޮތުން އެ ކުލަބުގެ ރައީސް ވިދާޅުވީ އަހުލާގު ދަށް އަމަލުތަކެއް ފެންނަ ކުޅުންތެރިންނަށް ޕީއެސްޖީގައި ފުރުސަތެއް ނޯންނާނެ ކަމަށެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ އެންޑަ ހެރޭރާ އާއި ސެވިއްޔާގެ ޕަބްލޯ ސަރަބިއާ ގެންގޮސްފަ އެވެ.

މީގެ ދެ އަހަރު ކުރިން، ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ޕީއެސްޖީން ނޭމާގެ ސޮއި ހޯދިއިރު، އެ ޓީމުން ބޭނުންވި ވަރުގެ ކުޅުމެއް މިހާތަނަށް އޭނާގެ ފަރާތަކުން ނުފެނެ އެވެ. މިހެން ކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ވަނީ ނޭމާއަށް އާމާޒް ވެފައެވެ.