އައްޑޫސިޓީގައި މިމަހު ބާއްވަން ހަމަޖެހިފައިވާ ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތަކީ އައްޑޫސިޓީއަށް މުހިއްމު މުބާރާތެއް ކަމަށް އައްޑޫސިޓީއަށް ނިސްބަތްވާ ގައުމީ ފުޓުބޯޅަ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބުނެފިއެވެ.

މި މުބާރާތް އައްޑޫސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 20 އިން 29ގެ ނިޔަލަށެވެ. ރާއްޖޭގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރަނީ ސައުދީ އަރަބިއްޔާ އާއި ލެޓްވިއާ އަދި ބޫޓާން އެވެ. ލެޓްވިއާ އަކީ ޔޫރަޕުން މި މުބާރާތުގައި ވާދަކުރާ ގައުމެކެވެ. މިއީ ޓުވާޑްސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.

އައްޑޫސިޓީގައި މުބާރާތް ބާއްވަން ތައްޔާރުވެފައިވާ އިރު މުބާރާތް ކުޅޭ ސްޓޭޑިއަމަށް ގިނަ މަރާމާތުތަކެއް ދަނީ ގެންނަމުންނެވެ، އެގޮތުން ލައިޓިން ސިސްޓަމާއި އެހެނިގެން ގިނަ ކަންކަން ދަނީ ރަނގަޅުކުރަމުންނެވެ.

ބަކާ ބުނީ މި މުބާރާތުގެ ސަބަބުން އައްޑޫސިޓީގެ ފުޓުބޯޅައަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި މިއީ އައްޑޫސިޓީގައި ބޭއްވުން ރަނގަޅު މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތައް އައްޑޫސިޓީގެ ސަޕޯޓަރުންގެ ކިބައިން ބަކާ ވަނީ ޓީމަށް ސަޕޯޓުކޮށްދިނުމަށް އެދިފައެވެ.

މިއީ 2014 ވަނަ އަހަރު ބޭއްވި ޗެލެންޖް ކަޕް ފުޓުބޯޅަ މުބާރާތަށްފަހު އައްޑޫސިޓީގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތެވެ.