ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާންމު އިންތިޚާބު މިއަހަރުގެ އޯގަސްޓް މަހުގެ ދެވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

މި އިންތިޚާބުގައި އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީއަށް ރައީސަކާއި، ނައިބު ރައީސަކާއި އާންމު މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އިންތިޚާބު ކުރިއަށް ދާނީ މާފަންނު އިޖުތިމާއީ މަރުކަޒުގެ މީޓިންރޫމްގައި އޮގަސްޓް ދެވަނަ ދުވަހުގެ ރޭގަނޑު 20:30ގައެވެ.

ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމް ލިބޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 14:00 އާއި ދެމެދު، ގަލޮޅު ބޯޅަދަނޑު، އެކަމަޑޭޝަން ބްލޮކްގައި ހުންނަ އެ އެސޯސިއޭޝަންގެ އިދާރާއަށެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި ބޮޑީބިލްޑިން އެސޯސިއޭޝަނުން ވަނީ ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އަދި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވެސް ވާދަކޮށްފައެވެ.

މި ދައުރު ނިމިގެންދާއިރު ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރު އަލީ ރިފާއުއަށް ދެކުނު އޭޝިއާގެ ބޮޑީބިލްޑިންގެ މައި އިދާރާ ކަމަށްވާ ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޓްނަސް ފެޑެރޭޝަންގެ އެގްޒެގެޓިވް މެމްބަރުކަން ލިބިގެންގޮސްފައެވެ. މިއީ ބޮޑީބިލްޑިންގައި ރާއްެޖެއަށް މިހާތަނަށް ލިބުނު އެންމެ ޝަރަފްވެރި މަގާމެވެ.