ޔޫރަޕުގެ ގައުމުތަކުގެ މެދުގައި އަލަށް ފެށި ޔުއެފާ ނޭޝަންސް ލީގުގައި ބައިވެރިވުމުގެ ފުރުސަތު އާޖެންޓީނާއަށް ދީފައި ނުވާނެ ކަމަށް ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔުއެފާ އިން ބުނެފިއެވެ.

ޔުއެފާއިން ނެރުނު ބަޔާނެއްގައި ބުނީ ޔުއެފާގެ މެމްބަރަކަށް ވުމަށް އާޖެންޓީނާއަށް ދައުވަތު ދީފައިވާ ކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށާއި ޔުއެފާގެ މެމްބަރަކަށް ވުމަށް އެދި އާޖެންޓީނާއަށް ދައުވަތު އެ ގައުމަށް ދީފައިނުވާނެ ކަމަށެވެ. އަދި އެ ގައުމާއެކު ރަޖިސްޓްރޭޝަން އާއި ގުޅޭ އެއްވެސް މަޝްވަރާއެއް މިހާޔަނަށް ކޮށްފައިނުވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ޔުއެފާއިން އާޖެންޓީނާއަށް ޖާގަ ދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވެމުންދެ އެވެ. ނަމަވެސް ޔުއެފާއިން ނެރުނު ބަޔާނާއެކު ޔުއެފާއިން އާޖެންޓީނާއަށް ދައުވަތު ދިނުމުގެ ވިސްނުމެއް ނުގެންގުޅޭކަން ވަނީ ހާމަވެފައެވެ.

ޔުއެފާއިން ބުނީ ރަހުމަތްތެރިކަމުގެ ގޮތުން ހާއްސަ މެހެމާނެއްގެ ގޮތުގައި އާޖެންޓީނާއަށް މުބާރާތް ބެލުމަށް ކޮންމެ ވަގުތަކުވެސް ދައުވަތު ދިނުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.

މިފަހަރުގެ ކޮޕާ އެމެރިކާއިން އާޖެންޓީނާ ކެޓުމުން އެކަމާ ހިތްހަމަނުޖެހިގެން އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބުނީ މުބާރާތުގައި ކޮރަޕްޝަންގެ ކަންކަން އެކުލެވޭ ކަމަށް،، އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އާޖެންޓީނާ ވަނީ އެމެރިކާ ބައްރުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލުން މިއަހަރު ކަޓާފައެވެ.