އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި ހުޅަނގާއެކު ހަދާފައިވާ އެއްބަސްވުން ސަލާމަތްކުރަން ވާހަކަ ދައްކަން އީރާނުއޮތީ ތައްޔާރަށް ކަމަށާއި، ނަމަވެސް އެކަމުގައި އުންމީދެއް ނެތްކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، އީރާނު އޮތީ ވާހަކަ ދައްކަން ތައްޔާރަށް ކަމަށާއި، ނަމަވެސް ބައިނަލްއަގްވާމީ މުޖުތަމައަށް އެއްވެސް އުންމީދެއް ނެތް ކަމަށެވެ.

ޚާރިޖިއްޔާގެ ތަރުޖަމާނު އައްބާސް މޫސަވީ ވިދާޅުވީ، ޔޫރޭނިއަމް ފައްކާކުރުން އީރާނުން އިތުރު ކޮށްފައިވަނީ ކިހާ މިންވަރަކަށް ކަމަށް ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން ތަފާތު އަޑުތައް ފެތުރިފައިވާ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އެކަމަކު، އީރާނުގެ ރޫޙީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިސް މުޝީރަކު ވިދާޅުވެފައިވަނީ، އެއްބަސްވުމުގައި ކަނޑައަޅާފައި މިންވަރަށްވުރެ ފަހެއް އިންސައްތަ އިތުރަށް ޔޫރޭނިއަމް ތަރައްގީކުރަން އީރާނުން ބޭނުންވާ ކަމަށެވެ.

އެއްބަސްވުމުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އީރާނުން ޔޫރޭނިއަމް ފައްކާކުރަން އިތުރުކޮށްފައިވާކަން، އދގެ އެޓޮމިކް ހަކަތައާބެހޭ އިދާރާ އައިއޭއީއޭއިން އިއްޔެވަނީ ކަށަވަރު ކޮށްދީފައެވެ.

އެހެންކަމުން، ހުޅަނގުގެ ބޮޑެތި ބާރުތަކާއި އީރާނުން ހަދާފައިވާ އެއްބަސްވުމުގެ މުސްތަގްބަލާމެދު މިހާރުވަނީ ސުވާލު އުފެދިފައި،، އެ އެއްބަސްވުމުން އެމެރިކާ ވަކިވެފައި ވާއިރު، އެމެރިކާއިން ގެންދަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެކަމަކު، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެހެން ގައުމުތަކުން ބޭނުންވަނީ އީރާން އެއްބަސްވުންމަތީ ދެމިއޮތުމަށެވެ.

އީރާނުން އެއްބަސްވުމުގައި ކަނޑައަޅާފައި މިންވަރަށްވުރެ ޔޫރޭނިއަމް ފައްކާކުރުން އިތުރުކޮށްފައި މިވަނީ، ޔޫރަޕްގެ ގައުމުތަކަށް 60 ދުވަހުގެ މުހުލަތު ދިނުމަށްފަހުގައެވެ.

އެމެރިކާއާއި އީރާނާ ކުރިމަތިލުމަކަށް ހިނގައިދާނެ ކަމަށް ބެލެވޭތީ، ދުނިޔޭގައި ކަންބޮޑުވުން އުފެދިފައިވާއިރު، އެމެރިކާގެ ޑޮރޯން މަތިންދާ ބޯޓް އީރާނުން ވައްޓާލި މައްސަލާގައި ޓްރަމްޕް އީރާނަށް ހަމަލާ ނުދެއްވީ ހަމަ ކިރިޔާއެވެ.

ޓްރަމްޕް އާދީއްތަދުވަހު އީރާނަށް އިންޒާރުކުރައްވަމުން ވިދާޅުވީ، އީރާނު ސަމާލުވެއޮތުން ބުއްދިވެރި ކަމަށް،، އޭގެ ތަފްސީލް ޓްރަމްޕް ނުދެއްވި ނަމަވެސް ވިދާޅުވެފައިވަނީ، އީރާނުން ވަރަށް ގޯސް ކަންތައް ކުރަމުން ގެންދާ ކަމަށެވެ.