އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގައި ކާފިއު އިޢްލާންކޮށް، އެއްކޮށް ބަންދުކޮށްފިއެވެ.

އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރު މި ބަންދުކުރީ، ކަޝްމީރުގެ މިނިވަންކަމަށް ހަނގުރާމަ ކުރަމުންދިޔަ ޒުވާން މުޖާހިދު، ބުރްހާން މުޒައްފަރު ވާނީއާއި، އޭނާގެ ދެ އެކުވެރިއެއްގެ ގަޔަށް އިންޑިއާ ސިފައިން ބަޑިޖަހައި ޝަހީދުކޮށްލިތާ ތިންއަހަރު ފުރުމާ ގުޅިގެން އެކަމުގެ ހަދާންތައް އާކުރަން ޖައްމޫ އެންޑް ކަޝްމީރުގައި އިންޑިއާއިން ކުރަމުންދާ ވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖޮއިންޓް ރެސިސްޓެންސް ލީޑަރޝިޕްގެ ފަރާތުން ގޮވާލުމާ ގުޅިގެންނެވެ.

އެ ޖަމާއަތުން ގޮވާލާފައިވަނީ، ކަޝްމީރު ފަޅީގައި ފިހާރަތަކާއި، މާރުކޭޓްތައް ބަންދުކޮށް ހުރިހާ ކަމެއް ހުއްޓުމަކަށް ގެނައުމަށެވެ.

އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގައި އިންޑިއާގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ވަރުގަދަ ދެކޮޅުވެރިކަމެއް ފެށިގެންދިޔައީ ބުރްހާން ޝަހީދުކޮށްލި ހިސާބުން ފެށިގެންނެވެ. ބުރްހާން ޝަހީދުކޮށްލިފަހުން ކަޝްމީރަށް ހަމަޖެހުމެއް ނާދެއެވެ.

ބުރްހާންއަކީ ކަޝްމީރުގެ މުސްލިމުންގެ މެދުގައި ވަރަށް މަގްބޫލް މުޖާހިދެއް،، އާންމުން ވަރަށް ތާއީދުކުރާ ފަރާތެކެވެ.

މިކަމާހެދި، އޭނާ ޝަހީދުކޮށްލިތާ ތިން އަހަރު ފުރުމާ ދިމާކޮށް އިންޑިއާ ސިފައިންވެސްވަނީ ޚާއްސަކޮށް ބުރްހާންގެ އުފަން އަވަށް ކަމުގައިވާ ތުރާލްގައި ކާފިއު އީޢްލާން ކޮށްފައެވެ.

ބުރްހާންގެ ގެ ވަށައިގެން ބަންދުކޮށްފައި ވާއިރު، އޭނާގެ ގެ ހުންނަ އަވަށަށް ދެވޭން އޮންނަ ހުރިހާ މަގުތަކެއްވެސް އިންޑިއާ ސިފައިންވަނީ ބަންދުކޮށްފައެވެ. އަދި ބުރްހާން ވަޅުލާފައިވާ ގަބުރުސްތާނުވެސް ވަނީ ބަންދުކޮށްފައެވެ.

ކަޝްމީރުގެ ބޮޑު ސަރަހައްދަކުން އިންޓަރނެޓްގެ ޚިދުމަތްވެސް ކަނޑާލާފައި ވާއިރު، ބުރްހާން ވާނީގެ ޕޯސްޓަރުތަކެއް ފާރުގައި ހިއްޕައިގެން އިންޑިއާ ސިފައިންވަނީ ޝްރީނަގަރުން ދެ ޒުވާނުންވެސް ހައްޔަރު ކޮށްފައި،، ޝްރީނަގަރަކީ އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ ވެރިރަށެވެ.

ކާފިއު އިޢްލާންކޮށް، އިންޑިއާ ސިފައިންނާއި، ޕެރަމިލިޓަރީ ފައުޖުތައް ގެންދަނީ މުޅި ކަޝްމީރުގެ މަގުތަކުގައި ފޯރިމަރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިންޑިއާ ސިފައިން ކާފިއު އިޢްލާން ކޮށްފައި އޮތުމާއެކުވެސް ބުރްހާން ވާނީގެ ފޮޓޯތައް ހިފައިގެން އާންމުން މަގުތަކަށް ނުކުމެ އަޑުތައް އުފުލަމުން އެބަގެންދެއެވެ. އެގޮތުން، ޝްރީނަގަރާއި، ބުދްގާމް، ގަންޑަރްބާލް، ކުލްގަމް އަދި އިސްލާމްއާބާދުގެ މަގުތަކަށްވެސް އާންމުން ނުކުމެ އަޑުތައް އުފުލަމުންދާ ކަމަށްވެއެވެ. އަދި އެހެން ސިޓީތަކާއި އަވަށްތަކުގެ މަގުތަކަށްވެސް މީހުން ނުކުމެފައިވާ ކަމަށްވެއެވެ.

އިންޑިއާ ސިފައިން ބަޑިޖަހައި ބުރްހާން ވާނީ ޝަހީދު ކޮށްލާފައިވަނީ 2016 ވަނަ އަހަރު،، އެކަމާ ގުޅިގެން މުޅި ކަޝްމީރުގައި ވަރުގަދަ މުޒާހަރާތަކެއް ހިންގައި، އިންޑިއާގެ ސަލާމަތީ ބާރުތަކާއި އާންމުންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކުގައި 100 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވިއެވެ. އަދި އަދަދު ނޭނގޭ މިންވަރަށް އާންމުން ޒަޚަމްވިއެވެ.

މީގެއިތުރުން، އިންޑިއާ ސިފައިން އާންމުންނާ ދެކޮޅަށް ޕެލެޓް ބޮން ބޭނުންކުރުމުގެ ސަބަބުން އެތައްބައެއްގެ ލޯވެސް އަނދިރިވެ، މުޅި އުމުރަށް ނުކުޅެދުންތެރިވިއެވެ.