އިންޑިއާއިން މިހާތަނަށް އުފެއްދި މަތިންދާ ބޯޓް އުފުލާ އެންމެބޮޑު މަނަވަރު 2021 ގައި ކަނޑުގެ ސިފައިން ޚިދުމަތަށް ނެރެވޭވަރު ވާނޭ ކަމަށް، އިންޑިއާ ކަނޑުގެ ސިފައިންގެ ވައިސް އެޑްމިރަލް އޭކޭ ސަކްސޭނާ ވިދާޅުވެއްޖެއެވެ.

އިންޑިއާ ކަނޑުގެ ސިފައިންނަށް ބޭނުންވާ ހަނގުރާމަމަތީ ބޯޓްތައް ގަތުމާއި، އެފަދަ ބޯޓްތައް ބަނުމުގެ ޒިންމާއާ ހަވާލުވެ ހުންނަވާ ސަކްސޭނާ ވިދާޅުވީ، އިންޑިއާއިން އަމިއްލައަށް ބަނދެފައިވާ މަތިންދާ ބޯޓް އުފުލާ މަނަވަރުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދާ ކަމަށެވެ.

މި މަނަވަރަށް ދީފައިވާ ނަމަކީ "އައިއޭސީ ވިކްރާންތު"،، މި މަނަވަރުގެ އަޖުމަ ބަލާލުމުގެ ދަތުރުރަކަށް އިންޑިއާ ކަނޑުގެ ސިފައިންނާ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހު ހަވާލު ކުރެވޭވަރުވާނޭ ކަމަށްވެސް ސަކްސޭނާ ވިދާޅުވިއެވެ.

ވައިސް އެޑްމިރަލް އޭކޭ ސަކްސޭނާ މި މަނަވަރާ ގުޅޭގޮތުން ވާހަކަ މިދެއްކެވީ، ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބަރސް އޮފް ކޮމާރސް އެންޑް އިންޑަސްޓްރީއާއި، އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން "ނޭޝަން ބިލްޑިންގ ތުރޫ ޝިޕްބިލްޑިންގ" މި ނަމުގައި މި ޖުލައިމަހު 25-26 އަށް ބާއްވަން ތައްޔާރުވަމުންދާ ސެމިނާރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.

އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ބުނެފައިވަނީ، ކަނޑުގެ ސިފައިންގެ ބޭނުމަށް ބަންނަމުންދާ މަތިންދާ ބޯޓު އުފުލާ އެންމެ ބޮޑު މަނަވަރުގެ އަޖުމަބަލަން ގާތްގަނޑަކަށް ދެއަހަރުގެ މުއްދަތަށް ދުއްވާނޭ ކަމަށެވެ. އަދި ކަނޑުގެ ސިފައިންގެ ފުރިހަމަ ބޭނުންތަކުގައި އެ މަނަވަރު ބޭނުންކުރަން ފެށޭވަރު ވާނީ 2023 ވަނަ އަހަރު ކަމަށްވެސް މީޑިއާއިން ބުނެފައި ވެއެވެ.

ވިކްރާންތު ބަންނަމުންދަނީ ކޮޗިން ޝިޕްޔާޑު ލިމިޓެޑްގައި ކަމަށާއި، އެ އުޅަނދުގެ ބަރުދަން 40،000 ޓަނަށް އަރާ ކަމަށްވެސް މީޑިއާއިން ރިޕޯޓް ކޮށްފައިވެއެވެ.