ޔަމަނަށް ހަމަލާ ދިނުމަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދައިގެން އުޅޭ އަރަބި ކޯލިޝަންގައި ހިމެނޭ ޔުނައިޓެޑް އަރަބި އެމިރޭޓްސް ސިފައިންގެ އަދަދު މަދުކުރީ ސައުދީ އަރަބިއްޔާއާއިވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ޔޫއޭއީން ބުނެފިއެވެ.

ޔޫއޭއީންވަނީ، އަރަބި ކޯލިޝަންގައި ހިމެނިގެން ޔަމަނުގައި ހަނގުރާމަ ކުރަމުންދާ އެގައުމުގެ ސިފައިންގެ ފައުޖުގެ ތެރެއިން، ޔަމަންގެ ދެކުނުގެ ބަނދަރު ރަށެއް ކަމަށްވާ އަދަންގައި ތިބި ސިފައިންނާއި، އަދި ޔަމަނުގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދުގައި ތިބި ސިފައިން އަނބުރާ ގެންގޮސްފައެވެ.

އެހެން ނަމަވެސް، ޔޫއޭއީ ސަރުކާރުން ބުނެފައިވަނީ، ސިފައިންގެ އަދަދު މަދުކުރި ނަމަވެސް، ޔަމަނުގައި އޮތް ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ އަބްދު-ރައްދު މަންސޫރު ހާދީގެ ސަރުކާރަށް ތާއީދުކުރުން މަތީ ޔޫއޭއީ ދެމިއޮންނާނެ ކަމަށެވެ.

ޔަމަންގެ ވެރިކަމަށް އަތްގަދަ ކޮށްގެންތިބި ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް، ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފައްދައިގެން އުޅޭ އަރަބި ކޯލިޝަނަކީ ހުޅަނގުގެ ގައުމުތަކުގެވެސް ތާއީދާއެކު ހަރަކާތްތެރިވާ ކޯލިޝަނެކެވެ.

އެ ކޯލިޝަނުން ޔަމަނުގެ އެތަން މިތަނަށް ބޮންއަޅައި، އާންމުންގެ އެތައްބަޔަކު މަރައި، ހޫޘީންގެ އަތްދަށުގައިއޮތް ޔަމަނުގެ ގިނަ ސަރަހައްދުތައް ވަނީ ސުންނާފަތި ކޮށްލާފައެވެ. 2015 ވަނަ ފެށި ހަމަލާތަކުގައި މިހާތަނަށް ޔަމަނުގެ 92،000 މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.

ޔަމަނު ހަނގުރާމައިގައި ބައިވެރިވާ ޔޫއޭއީން އަރަބި ކޯލިޝަންގައި ހިމެނޭ ސިފައިންގެ އަދަދު މަދުކުރަން ނިންމީ، އެމެރިކާ-އީރާނުގެ އަރާރުން ހޫނުވެ، މަސްރަހް ނުތަނަވަސްވެ، ޔޫއޭއީގެ ސަލާމަތާމެދު ކަންބޮޑުވުން އުފެދުމާ ގުޅިގެން ކަމަށް، ރޮއިޓަސްއިން މިދިޔަމަހު ރިޕޯޓް ކޮށްފައި ވަނިކޮށެވެ.

ދުބާއީގައި ނޫސްވެރިންނާ ވާހަކަ ދެއްކެވި، ނަން ހާމަކުރަން ބޭނުންފުޅު ނުވާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ޔަމަނުގައި ތިބޭ ސިފައިންގެ އަދަދު މަދުކުރަން ނިންމީ ކުއްލިއަކަށް ނޫން ކަމަށާއި، އެކަމާމެދު ސައުދީ އަރަބިއްޔާއާ އެކު ދިގުކޮށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އދ މެދުވެރިވެގެން ސްޓޮކްހޯމްގައި ބޭއްވި މަޝްވަރާތަކުގައި ހުދައިދާގައި ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެވުމާއި، ޔަމަންގެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް މަގުފަހި ވެގެންދިއުމަކީވެސް، ސިފައިންގެ އަދަދު މަދުކުރަން ނިންމި އެއް ސަބަބު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ޔަމަނުން ސިފައިންގެ އަދަދު މަދުކުރަން ޖެހުމުން ޔޫއޭއީ ކަންބޮޑު ނުވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޔަމަނުގެ 90،000 މީހުންނަށް ތަމްރީނު ދެވިފައިވުން ކަމަށާއި، އެއީ ކާމިޔާބީއެއް ކަމަށް ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔޫއޭއީން ސިފައިންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން ސުވާލު ކުރުމުން އަރަބި ކޯލިޝަންގެ ތަރުޖަމާނު ސައުދީ އަރަބިއްޔާގެ ކާނަލް ތުރްކީ އަލް މަލްކީ ވިދާޅުވީ، އަރަބި ކޯލިޝަންގައި އެކި ގައުމުތަކުން އަދާކުރަނީ އެކި ޒިންމާތައް ކަމަށާއި، ގައުމުތަކުން އެހީތެރިކަންދެނީ އެގައުމެއްގެ ގާބިލްކަން ހުރި މިންވަރަކުން ކަމަށެވެ.

ޔަމަނުގެ ގާނޫނީ ސަރުކާރާއި އަލުން ގައުމު ހަވާލުކުރުމަށް ޔޫއޭއީ އަދި ކޯލިޝަންގެ އެހެން ގައުމުތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބުވަމުންދާ ކަމަށާއި، އެކަން މިހާރުއޮތީ އެންމެ ފަހު މަރްހަލާގައި ކަމަށްވެސް ތުރްކީ އަލް މަލްކީ ވިދާޅުވިއެވެ.

އެކަމަކު، ޑިޕްލޮމޭޓުން ވިދާޅުވީ، ޔޫއޭއީން ސިފައިން މަދުކުރަނީ އީރާން-އެމެރިކާ ކުރިމަތިލުމަކަށް ހިނގައިދާނެ ކަމަށްބެލެވޭތީ، ސިފައިންނާއި ހަތިޔާރު ފުރިހަމަ ތައްޔާރީ ހާލަތުގައި އޮތުމަށް ޔޫއޭއީން ބޭނުންވާތީ ކަމަށެވެ. ޔޫއޭއީން ގެންދަނީ މަސްރަހް އިތުރަށް ހޫނުވިޔަ ނުދިނުމަށްވެސް މަސައްކަތް ކުރަމުންނެވެ.