އިންޓަރިމް ކޮމިޓީ އިން ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) އާއި ހަވާލުވުމާއި ހަމަޔަށް އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ކުރިޔަށްގެންދާ ކަމަށް ބުނެފައިވާ އިސްލާހީ އެޖެންޑާ އަކީ ބޮޑު ފްލޮޕެއް ކަމަށާއި އެއީ ބޮޑު ޖޯކެއް ކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު އަދާކުރި މުޙައްމަދު ޝަރަފް ވިދާޅުވެއްޖެ އެވެ.

ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޝަރަފް ވިދާޅުވީ އިސްލާހީ އެޖެންޑާ އެއީ ކޯޗެއްކަން އިނގޭނެ މީހަކު ނުހުންނާނެ ކަމަށާއި އެ އިސްލާހީ އެޖެންޑާއެއްގެ ވާހަކަ ފުރަތަމަ ދެއްކީ ޝަރަފް ވީއޭއެމްގައި ހުރިއިރު ކަމަށެވެ.

"އިސްލާހީ އެޖެންޑާ އިއުލާންކުރަން ބުނުމުން އަޅުގަނޑު އޭރު ބުނިން ކޮމިޓީއެއް ނަގަން. އަދި އަދަށްދާން ދެން ވެސް އެ ކޮމިޓީއެއް ނެތް. ކޮމިޓީގެ އެއްމެ ބައްދަލުވުމެއް ވެސް ނޯންނާނެ ބާއްވާފައެއް" އިސްލާހީ އެޖެންޑާއަށް ފާޑުކިޔަމުން ޝަރަފް ވިދާޅުވިއެވެ.

ވީއޭއެމްގެ މިއަދުގެ ހާލަތަށް ބަލާއިރު އިންޓަރިމް ކޮމިޓީއެއް އެ އިދާރާ އާއި ހަވާލުވުމަކީ ވޮލީގެ ގިނަބަޔަކު މިއަދު އެދޭގޮތް ކަމަށާއި އެކަމަށް ގިނަ ބަޔަލު ތިބީ ހިތް ހަމަޖެހިގެން ކަމަށް ޝަރަފް ވިދާޅުވިއެވެ.

މުޙައްމަދު ލަތީފް ވީއޭއެމްގެ ރައީސް ކަމަށް އައިއިރު ވެސް އޭނާ އަކީ ވޮލީގެ އާއިލާގެ މާ ބޮޑު މަގުބޫލުކަމެއް އޮތް ބޭފުޅެއް ނޫން ކަމަށާއި 2016 ވަނަ އަހަރު ފުރަތަމަ މުޙައްމަދު ރިޔާޒް އާއި ވާދަކުރީ ވެސް އެހެން ބޭފުޅެއް ކަމަށް ޝަރަފް ވިދާޅިވިއެވެ.

"ފުރަތަމަ އިންތިހާބުގައި ރިޔާޒްއަށް ލިބުނީ އަށްވޯޓް އަދި އިދިކޮޅަށް ވެސް ދިޔައީ އަށްވޯޓް، އޭގެ ފަހުން ބޭއްވި އިންތިހާބުގައި ލަތީފް ފެނުނީ. ރިޔާޒް އާއި ދެކޮޅަށް ދިޔަ އަށްވޯޓް ލަތީފަށް ލިބުނީ. އެ އަށްވޯޓް ލިބުނީސް ކޮންމެ މީހަކު އެ ވަގުތު ހުރި ނަމަވެސް. ލަތީފް މަގާމާއި ހަވާލުވެގެން ފުރަތަމަ މަންޒަރު ފެނުނީ ރަނގަޅަށް. އެކަމަކު ފަހުންކަންތައްތައް ގޯސްވީމަ އަޅުގަނޑު ވެސް ނިކުތީ" ލަތީފްގެ ދައުރާއި ބެހޭ ގޮތުން ޝަރަފް ވިދާޅުވިއެވެ.

މުޙައްމަދު ރިޔާޒްގެ ދައުރާއި މުޙައްމަދު ލަތީފްގެ ދައުރުގައި ވެސް ޝަރަފްގެ ބާރާއި ނުފޫޒް ގަދަކަމަށާއި އެކަމުގެ ސަބަބުން ކޮންމެ ދައުރެއްގައި ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ދެކެވޭ ވާހަކަ ޝަރަފް ވަނީ ދޮގުކޮށްފައެވެ.

ވޮލީއަށް ލިބިފައިވާ ކުރިއެރުން ފެންނަމުންދަނީ ގައުމީ ޓީމުން ކަމަށާއި ގައުމީ ޓީމުގެ ކޯޗަކަށް 2008 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2013 ވަނަ އަހަރާއި ހަމަޔަށް އެކި މަރުހަލާތަކުގައި ހުރިއިރު ވޮލީއަށް ލިބިފައިވާ ކުރިއެރުން ފެންނާނެ ކަމަށާއި އޭރު ޓެކްނިކަލީ އެންމެ އިސްމީހަކަށް ހުރީ ޝަރަފް ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމީ ޓީމެއް މޮޅުވާން އެންމެ މުހިންމީ ލޯކަލް ގޭމްސް މޮޅުވުން ކަމަށާއި އެކަން މިހާރު އެއްކޮށް ވަނީ ހުއްޓީފައި ކަމަށް ވާއިރު މިއަދު ރާއްޖޭގެ ގައުމީ ޓީމު އައިއޯއައިޖީ އާއި ސާފް ގޭމްސްގައި ވާދަކުރާ ނަމަ ދިވެހިން އެދެނީ މެޑަލްއަށް ކަމަށާއި ސެންޓަރަލް ޒޯން އިން ބޭނުން ވަނީ ސިދާ ރަންމެޑަލް ކަމަށް ޝަރަފް ވިދާޅުވިއެވެ.