ވޮލީބޯޅަ އެސޯސިއޭޝަން އާއި ހަވާލުވެފައިވާ އިންޓަރިމް ކޮމިޓީ އިން ވަނީ އެސޯސިއޭޝަނަށް ވަގަށް ވަދެ، އެސޯސިއޭޝަން ޖަހައިގަނެފައި ކަމަށް ވީއޭއެމް އާއި އިންޓަރިމް ކޮމިޓީ ހަވާލުވި އިރު އެ އިދާރާގެ ޖެނަރަލް ސެކްޓަރީގެ މަގާމު އަދާކުރި މުޙައްމަދު ޝާފީ ވިދާޅުވެއްޖެ އެވެ.

ވީސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޝާފީ ވިދާޅުވީ އެސޯސިއޭޝަން އަދި އަދަށް ވެސް އެއްވެސް ބަޔަކާއި ހަވާލު ނުކުރާ ކަމަށާއި ހަވާލުކުރަން ފުރުސަތެއް ވެސް ނުލިބޭ ކަމަށެވެ.

"ޖަހައިގަތީ. ވަގަށްވަދެ ނެގީއޭ ވެސް ދެންނެވިދާނެ. ހަވާލެއް އަޅުގަނޑުމެން ނުކުރަން. ހަވާލުކުރާނެ ފުރުސަތެއް ވެސް ނުލިބޭ. މެންދުރު ފަހު ދެގަޑި ސާޅިސް ފަހެއްގައި ފޯނުކޯލެއްގެ ސިފައިގައި ސިޓީ ލިބުނު ވާހަކަ ބުނީ އެރޭ ދިހައެއް ޖަހާއިރު ހަވާލު ކުރަން ބުނީ، އަޅުގަނޑު ގަބޫލެއް ނުކުރަން އޮފީހެއް އެހެން ހަވާލު ކުރެވޭނެ ކަމަށް" އިންޓަރިމް ކޮމިޓީ އިން ވީއޭއެމް އާއި ހަވާލުވި ގޮތާއި ބެހޭ ގޮތުން ޝާފީ ވިދާޅުވިއެވެ.

ވީއޭއެމްގެ ރައީސް ރާއްޖެ ވަޑައިގަތުމުން އޮފީސް ހަވާލުވާން މަޑުކުރުމަށް ކޮމިޝަނާރ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް ކައިރި އެދުނު ކަމަށާއި އެ ދުވަހު ކޮމިޝަނަރު ގުޅާލާނެ ކަމަށް ބުނި ނަމަވެސް އަދި ވެސް އެ ފޯނު ކޯލު ނާންނަ ކަމަށް ޝާފީ ވިދާޅުވިއެވެ.

އިންޓަރިމް ކޮމިޓީ އިން ތިބީ ގަވައިދާ ހިލާފަށްކަން އެފްއައިވީބީ އިން ފޮނުވާފައިވާ ސިޓީ އިން ވަރަށް ސާފު ކަމަށާއި ވީއޭއެމް ނޯމަލައިޒް ކުރަނީ ކޮން ސަބެއް މެދުވެރިވެގެންކަން ތަކުރާރުކޮށް އެދުމުން ވެސް ޖަވާބު ލިބިފައިނުވާ ކަމަށް ޝާފީ ވިދާޅުވިއެވެ.

ޝާފީ ސޮއިކޮށް ސްޓޭޑިއަމްގައި ހުރި ވޮލީ ކޯޓުތައް ބަދަލު ކުރުމަށް ފޮނުވާފައިވާ ސިޓީ އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝާފީ ވިދާޅުވީ އޭނާ ސޮއިކޮށް އެއް ވެސް ސިޓީއެއް ފޮނުވާފައިނުވާނެ ކަމަށާއި އެއީ ފްރޭމްކުރަންކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

ވޮލީ ކޯޓްތަކާއި ބެހޭ ގޮތުން ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަހުލޫފް އާއި އިތުރު އެހެން ބޭފުޅަކު ހިމެނޭ ގޮތައް ވާހަކަ ދައްކާފައިވާ ކަމަށާއި އޭރު ވާހަކަ ދެއްކެވުނީ ވިލާ ކޮލެޖް ކުރިމަތީ އޮތް ބިމުން ވޮލީކޯޓްތަކެއް ތަރައްގީކޮށް އެތާ ކުޅެވޭގޮތައް 35 އަހަރަށް ދިނުމަށް ކަމަށާއި އެކަން ހަމަ ނުޖައްސާ ސްޓޭޑިއަމް ކޯޓްތައް ނަގާފައިވަނީ މިނިސްޓަރާއި އެކު ދެކެވުނު ވާހަކަ ތަކާއި މުޅިން އިދިކޮޅަށް ކަމަށް ޝާފީ ވިދާޅުވިއެވެ.