ދިވެހި ކްރިކެޓްގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ތަރި އަދި މިދިޔަ އަހަރު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ހޯދި ޔޫސުފް އަޒްޔާން ފަރުހަތް ކުއްލި ގޮތަކަށް އެޕެންޑިކްސް އޮޕަރޭޝަން ކޮށްފިއެވެ.

ވީސްޕޯޓްސްއަށް މައުލޫމާތް ލިބިފައިވާ ގޮތުގައި 18 އަހަރުގެ އަޒްޔާން އިއްޔެ ރޭ ކުއްލި ގޮތަކަށް ބަނޑަށް ތަދުވެ ހޮޑުލާން ފެށުމުން އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން ޓެސްޓް ތަށް ހެދުމަށްފަހު ޑޮކްޓަރުން ލަފާދެއްވީ އަވަހަށް ލަސްނުކޮށް ސާޖަރީ އަށް ދިއުމަށެވެ. ޑޮކްޓަރުންގެ ލަފާގެ މަތިން އިއްޔެ ހެންދުނު ވަނީ އޮޕަރޭޝަންކޮށްފައެވެ.

"ﷲ ގެ ވާގިފުޅާ ލައިގެން އޮޕަރޭޝަން ވަނީ ކާމިޔާބު ކަމާއެކު ކުރެވިފަ. މިހާރު މަޑުމަޑުން އަންނަނީ ރަނގަޅުވަމުން. މި ވަގުތު އެދެނީ ހުރިހާ ފަރާތްތަކެއްގެ ވެސް ހެޔޮދުއާ" އަޒްޔާންގެ ކުއްލި އޮޕަރޭޝަނއި ބެހޭ ގޮތުން އޭނަގެ ބައްޕަ ފަރުހަތު ޖަލީލު ބުނުއްވިއެވެ.

މި އޮޕަރޭޝަނާއި އެކު މަދުވެގެން ތިން ދުވަހު އަޒްޔާން ހޮސްޕިޓަލުގައި އޮންނަން ޖެހިދާނެ ކަމަށް ލަފާކުރެވެއެވެ. އަޒްޔާން ގެ މި ސާޖަރީ އާއި ގުޅިގެން ދެ މަހާއި ހަތަރު މަހާއި ދެމެދުގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

"އުންމީދަކީ ވީހާވެސް އަވަހަށް ރަނގަޅުވެ ކުޅުމުގެ ތެރެއަށް އެނބުރިއައުން. އިރާދަކުރެއްވިއްޔާ ވަރަށް ހިތްވަރާއެކު ކުޅުމުގެ ތެރެއަށް އެނބުރިއަންނާނަން" ހޮސްޕިޓަލްގައި އޮވެ، އަޒްޔާން ބުންޏެވެ.