ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީގެ ފަރާތުން ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންގެ ވަފުދުގެ ބޭފުޅުން ޖުމްހޫރީ ޕާޓީގެ ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޖޭޕީގެ ހެޑްކުއާޓަރު މ.ކުނޫޒުގައި މިއަދު ބޭއްވުނު ބައްދަލުކުރެއްވުމުގައި އެޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސެކްރެޓަރީ ޖެނެރަލް ހުސައިން ރަޝީދާއި ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރ ޑރ އާސިމް އަހުމަދެވެ.

ޔޫއެންޑީޕީގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާފައިވާ ދެކުނު އެފރިކާގެ ޔޮހާން ކްރީގްލަރ އާއި ކޮންސްޓިޓިއުޝަނަލް އެކްސްޕާޓުން ކަމުގައިވާ ޖޭސަން ގްލުކް އަދި އެލިޒަބަތެވެ.

މި ބައްދަލު ކުރެއްވުމުގައި ޔޫއެންޑީޕީގެ ވަފުދު ރާއްޖެއަށް ވަޑައިގެންނެވުމުގެ ބޭނުންފުޅާއި ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި ޔޫއެންޑީޕީއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއިމެދު މައުލޫމާތު ހިއްސާކުރެެއްވިއެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީއަށް ގެނެވެމުންދާ ބަދަލުތަކާއިމެދުވެސް މައުލޫމާތު ހިއްސާކުރެއްވިއެވެ.

ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާ އިސްލާހުކޮށް ހަރުދަނާ ކުރުމަކީ ޖޭޕީގެ ފަރާތުން ވަރަށް ބޮޑަށް ބާރުއަޅައި ވަކާލާތު ކުރަމުންދާ ކަމެކެވެ.