ސްރީލަންކާގެ ޔޫވާ ޕްރޮވިންސްގެ ޖަންގަލީގައި ވަރުގަދައަށް އަލިފާން ރޯވެ އަނދަމުންދާ ކަމަށް، ސްރީލަންކާގެ މީޑިއާއިން ބުނެފިއެވެ.

އަލިފާން ރޯވެ އަނދަމުންދަނީ މޮނެރަގަލާގެ މަރަގަލަ ފަރުބަދަ ސަރަހައްދުގައި ކަމަށްވެސް ބުނެފައިވެއެވެ.

އެ ހިސާބުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށްޓަކައި ސްރީލަންކާ އެއަރފޯސްއިން މިހާރުވަނީ އަލިފާން ނިއްވުމަށް ބޭނުންކުރާ ޚާއްސަ ހެލިކޮޕްޓަރުވެސް އެ ސަރަހައްދަށް ފޮނުވާފައެވެ. އަދި އެތައްސަތޭކަ ފަޔަރ ފައިޓަރުން ގެންދަނީ އެ ހިސާބުގައި ހަރަކާތްތެރިވަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިއްޔެގެ ނިޔަލަށް އެ ސަރަހައްދުން ގާތްގަނޑަކަށް 500 އޭކަރުގެ ޖަންގަލިވަނީ އަނދައި އަޅިޔަށް ވެފައެވެ.

ފަޔަރ ފައިޓަރުން ބުނެފައިވަނީ، ޖަންގަލީގައި އަލިފާން ރޯވެފައިވަނީ، ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

އަލިފާން ރޯވެ އަނދަމުންދާ ހިސާބާ ގާތް ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން، މީހުން ސަލާމަތްކުރާ ޚާއްސަ ޓީމުތަކުން މިހާރުވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. އަދި އަލިފާން ރޯވެފައިވާ މުޅި ސަރަހައްދު މިހާރުވަނީ ބަންދުކޮށްފައެވެ.

ސްރީލަންކާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި ސްރީލަންކާއަށް ވަރަށް ބޮޑަށް ހޫނު ގަދަވާނޭ ކަމަށެވެ. އެގޮތުން، ބައެއް ހިސާބުތަކުގައި ހޫނުމިން 40 ޑިގްރީ ސެލްސިއެސްއަށް މައްޗަށް ދާނޭ ކަމަށް ލަފާކުރެވޭތީ އާންމުން ރައްކާތެރި ތިބުމަށްވެސް އިލްތިމާސް ކޮށްފައިވެއެވެ.