ޓައިވާނަށް 2.2 ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާއިން ނިންމައިފިއެވެ.

ޓައިވާނަށް ހަތިޔާރު ވިއްކަން ނިންމައި، އެމެރިކާގެ ޚާރިޖިއްޔާއިން އެ ނިންމުން އެޕްރޫވްވެސް ކޮށްފައިވާ ކަމަށް، އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން މިއަދުވަނީ ބުނެފައެވެ.

އެމެރިކާއިން ޓައިވާނަށް ހަތިޔާރުވިއްކަން މި ނިންމީ، ޗައިނާއިން އެކަމާ ވަރަށް ބޮޑަށް ދެކޮޅުހަދަމުން ގެންދަނިކޮށެވެ.

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކަން އުޅޭކަމުގެ ރިޕޯޓް މިދިޔަ މަހު ހާމަވުމާ ގުޅިގެން ޗައިނާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެ ނިންމުން ވަގުތުން ބަދަލުކޮށް ހަތިޔާރު ވިއްކުން ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ. އަދި މިކަން ކުރިއަށް ގެންގޮސްފިނަމަ ދެގައުމުގެ ގުޅުމުގައި މައްސަލަ ޖެހޭނޭ ކަމުގެ އިންޒާރުވެސް ޗައިނާއިން ދީފައިވެއެވެ.

އެމެރިކާއިން ގަތުމަށް ޓައިވާނުން އެދުނު ހަތިޔާރުގެ ތެރޭގައި، ހަނގުރާމައިގެ ތެރޭގައި ހަމަލާދިނުމަށް ބޭނުންކުރާ އަބްރަމްވެސް ޓޭންކާއި، މިސައިލުވެސް ހިމެނެއެވެ. ޓައިވާނުން އެދުނު މި ހަތިޔާރު ވިއްކަން އެމެރިކާއިން ވަނީ އެއްބަސްވެފައެވެ.

މީގެއިތުރުންވެސް، މެޝިން ބަޑިއާއި، ގޮވާތަކެއްޗާއި، ހާކިއުލްސް ވެހިކަލްތަކާއި، ހަނގުރާމައިގައި ބަރުމުދާ އުފުލަން ބޭނުންކުރާ އުޅަނދުތައްވެސް ޓައިވާނަށް ވިއްކަން އެމެރިކާއިން ވަނީ ނިންމާފައެވެ.

އެމެރިކާއަކީ އަބަދުވެސް ޓައިވާނަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމެވެ. އެމެރިކާއިން މިކަން ކުރަނީ ޗައިނާއާ ދެކޮޅަށެވެ.

ޗައިނާ ދެކޭގޮތުގައި ޒާތީ މިނިވަންކަމެއް ކުރަމުން އަންނަ ޓައިވާނަކީ ޗައިނާގެ ބައެކެވެ. އެހެންވެ، ޓައިވާން ދިފާއީގޮތުން ވަރުގަދަވުމަކީ ޗައިނާ އެދޭކަމެއްނޫނެވެ.

އެމެރިކާއާއި ޓައިވާނާ ދެމެދު ރަސްމީގޮތުން ސިޔާސީ ގުޅުން ގާއިމް ކޮށްފައި ނެތް ނަމަވެސް، ޓައިވާން ދިފާއުކުރުމަށް އެމެރިކާއިން ގެންދަނީ ޓައިވާނަށް އެހީތެރިވަމުންނެވެ.

ޗައިނާ ވަރަށް ބޮޑަށް ދެކޮޅު ހަދަމުން ގެންދަނިކޮށް ޓައިވާންގެ ރައީސާ ވަރަށް އަވަހަށް އެމެރިކާއަށް ވަޑައިގަތުމަށްވެސް މިހާރުވަނީ ހަމަޖެހިފައެވެ.