ޝަރީއަތް ހިންގުމަށްޓަކައި ހޮންގްކޮންގެ ރައްޔިތުން ޗައިނާއަށް ފޮނުވުމަށް މަގުފަހިވާ ގާނޫނުގެ ބިލް މަރުވެއްޖެ ކަމަށް، ހޮންގްކޮންގެ ލީޑަރ ކެރީ ލާމް ވިދާޅުވެއްޖެއެވެ.

ހޮންގްކޮންގެ ރައްޔިތުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދަނީ މި ބިލްގެ މައްސަލާގައި،، މިބިލް ހުށަހެޅުއްވީ ލާމްގެ ސަރުކާރުންނެވެ.

މުޒާހަރާކުރާ މީހުން ބުނަމުންގެންދަނީ، މިކަމަކީ ޒާތީ މިނިވަންކަމެއް އޮންނަ ހޮންގްކޮންގް ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ޗައިނާއިން ރާވައިގެން ހިންގާ އަމަލެއް ކަމަށެވެ.

ބިލާ ދެކޮޅުހަދައި ހޮންގްކޮންގ އާންމުން ކުރަންފެށި މުޒާހަރާތައް ސިލްސިލާގޮތެއްގައި ފެށުމާއި، މުޒާހަރާ ވަރުގަދަވެ މިލިއަނަކަށްވުރެ ގިނަމީހުން މަގުތަކަށް ނުކުމެ މަސްރަހް އިތުރަށް ގޯސްވާން ފެށުމުން، ހޮންގްކޮންގެ ލީޑަރ ކެރީ ލާމް ފަހުންވަނީ އެ ބިލް ވަގުތީގޮތުން ސަސްޕެންޑް ކުރައްވާފައެވެ.

އެކި ކުށްކުށުގައި ތުހުމަތު ކުރެވޭ ހޮންގްކޮންގެ ރައްޔިތުންގެ މައްޗަށް ޝަރީއަތް ހިންގުމަށް ޗައިނާއަށް ފޮނުވިދާނެ ކަމަށް ކަނޑައަޅާފައިވާ ގާނޫނުގެ ބިލް މަރުވެއްޖެ ކަމަށް ކެރީ ލާމް ވިދާޅުވި ނަމަވެސް، އެބިލް އަނބުރާ ގެންދެވި ވާހަކައެއް ވިދާޅެއް ނުވެއެވެ. ބިލް އަނބުރާ ގެންދިއުމަކީ މުޒާހަރާ ކުރަމުންދާ މީހުން ޑިމާންޑް ކުރަމުންދާ ކަންތަކެވެ.

ހޮންގްކޮންގެ ވެރިޔާ ކެރީ ލާމްއަކީ ޗައިނާގެ ތާއީދު އޮންނަ ބޭފުޅެކެވެ.

ނޫސްވެރިންނާ މިއަދު ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ކުށްވެރިން ބަދަލުކުރުމުގެ ގާނޫނެއް ފާސްކުރަން ސަރުކާރުން ކުރި މަސައްކަތް ފެއިލްވެއްޖެ ކަމަށާއި، އެ ބިލް މަރުވެއްޖެ ކަމަށެވެ.

އެހެން ނަމަވެސް، މުޒާހަރާ ކުރަމުންދާ މީހުންގެ އިސް ފަރާތްތަކުން ބުނެފައިވަނީ، މުޒާހަރާތައް ހުއްޓާލަން އެވަރު ނުފުދޭ ކަމަށެވެ. ކެރީ ލާމްގެ ވާހަކަތަކަށް ޝައުގުވެރިކަމެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.