އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ކުރިކެޓް ވޯލްޑްކަޕުގެ ސެމީފައިނަލްގެ ފުރަތަމަ މެޗު މޫސުން ގޯސްވެގެން މެދުކަނޑާލައި ބާކީބައި މާދަމާ ކުޅެން ނިންމައިފިއެވެ.

ވާރޭވެހޭތީ މިއަދު ކުޅުން ފެށުނީވެސް ހަމަޖެހިފައިއޮތް ވަގުތަށްވުރެ މާފަހުންނެވެ. ސެމީފައިނަލްގެ މި މެޗުގައި ވާދަކުރަނީ އިންޑިޔާއާއި ނިއުޒިލެންޑެވެ.

މެންޗެސްޓަރގެ އޯލްޑް ޓްރެފްޑްގައި ކުރިއަށްދާ މިމެޗުގައި ޓޮސް ދިމާކޮށްގެން ނިއުޒިލެންޑް ގަސްތުކުރީ ކުޅެން އެރުމަށެވެ. މިގޮތުން ނިކުމެ ކުޅެމުންދަނިކޮށް އަނެއްކާވެސް ބޯކޮށް ވާރޭވެހެން ފެށުމުން މެޗު މެދުކަނޑާލިއިރު ނިއުޒިލެންޑަށް ދެވުނީ 46.1 އޯވަރުތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން 211 ލަނޑެވެ.

ނިއުޒިލެންޑުން މިހާތަނަށް އެންމެ ރަގަޅަށް ސްކޯރކޮށްފައިވަނީ ނުބައިނުވެ 85 ބޯޅައިން 67 ލަނޑުހެދި ރޮސް ޓޭލަރ އެވެ. އިންޑިޔާއިން އެންމެ ރަގަޅަށް އުކާފައިވަނީ 8 އޯވަރު 25 ލަނޑަށް އެއް ވިކެޓް ނެގި ބުމްރާހެވެ.

މެޗު ފުރިހަމަ ކުރަން މޫސުން ތަންނުދިނީމާ މެޗު އޮފިޝަލުން މަޝްވަރާކޮށްފައި ނިންމީ މިއަދު ނިމުނު ހިސާބުން ފަށައިގެން މާދަމާ އަލުން ކުރިއަށް ގެންދިއުމަށެވެ. އެބައި ކުރިއަށް ގެންދާނީ މެންދުރުފަހުން ފެށިގެން ހަމަ އޯލްޑް ޓްރެފަޑްގައެވެ.

ނިއުޒިލެންޑުގެ އިނިންގްޒް ފުރިހަމަކުރަން އަތުގައި ފަސް ވިކެޓާއި ތޭވީސް ބޯޅަ އަދި އެބައޮތެވެ. އިންޑިޔާ ކުޅެން އަރާނީ އެބައި ފުރިހަމަވުމުންނެވެ. މިހާރު ގޮސްފައިއޮތް ހިސާބުން މިމެޗު ފަސޭހަކަމާއެކު އިންޑިޔާއިން ކާމިޔާބުކުރާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ފުރަތަމަ ސެމީ ފައިނަލާއި ދެވަނަ ސެމީ ފައިނަލާ ދެމެދު ރިޒާރވް ދުވަހެއް ހަމަޖައްސާފައިވަނީވެސް މިފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ބަލައިފައެވެ. މާދަމައަކީ މިގޮތަށް ހަމަޖެއްސުނު ރިޒާރވް ދުވަހެވެ. ސެމީގެ ދެވަނަ މެޗު ކުޅޭނީ ބުރާސްފަތި ދުވަހުއެވެ. އެމެޗުގައި ވާދަކުރާނީ އޮސްޓްރޭލިޔާ އާއި އިންގްލެންޑެވެ.