"ބ. ފުޓްބޯލް ޗެލެންޖު 2019" ގައި މިއަދު ހަވީރު 4-2 އިން ބ. ތުޅާދޫ ބަލިކޮށް ސެމީފައިނަލާ ގާތަށް ބ. ކިހާދޫ ޖެހިލައިފި އެވެ.

އޭދަފުށީ ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކިހާދޫގެ ފުރަތަމަ ގޯލު އަލީ ޖިނާހު ޖެހިއިރު, ދެވަނަ ގޯލު ޖެހީ ހުސައިން އިކުލީލް އެވެ. އެޓީމުގެ ތިންވަނަ ގޯލު ޖެހީ މުހައްމަދު އަޔާޒެވެ. ކިހާދޫގެ ފަހު ގޯލު ޖަހައިދިނީ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން އީމާން އެވެ. މި މެޗުގައި ތުޅާދޫގެ ގޯލުތައް ޖަހައިދިނީ އީމާން ލިޔާޒް އާއި ޝަދާދް ޒަކީ އެވެ.

މިއަދުގެ މޮޅާއެކު ކިހާދޫ ވަނީ ދެ މެޗުން ލިބުނު 4 ޕޮއިންޓާއެކު ގްރޫޕް ސީގެ އެއްވަނައަށް ޖެހިލާފަ އެވެ. ކިހާދޫގެ ފަހަތުގައި އޮތީ 2 ޕޮއިންޓާއެކު ބ. ފެހެންދޫ އަދި ބ. ހިތާދޫ އެވެ. ތުޅާދޫ އޮތީ ފުލުގަ އެވެ.

ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓުން އޭދަފުށީ ވެސްޓް ވިންގްސް ޖަމިއްޔާ އާއި ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި ބ. އަތޮޅުގެ 11 ރަށަކުން ވާދަކުރެ އެވެ. މިއީ ބ. އަތޮޅަށް ހުޅުވާލައިގެން ރިސޯޓަކުން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އޭގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ބ. ކެންދޫ އާއި ބ. ދޮންފަނެވެ.