ދިވެހިރާއްޖެއަކީވެސް ވޮލީބޯޅައިގައި ފާހަގަކޮށްލެވޭ ގައުމަކަށް ހެދޭނެ ކަމަށާއި، ވޮލީ ކުރިއެރުވުމަށް ބޭނުންވަނީ ވަސީލަތްތައް ކަމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު ބުނެފި އެވެ.

ގައުމީ ޓީމުން އަންނަނީ މޮރިޝަސްގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމަށް ސާބިއާގައި ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.

މި ތަމްރީނުތަކުގައި ގައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުރިއެރުންތަކެއް ފެނިގެން ގޮސްފައިވާ ކަމަށް ކޯޗު ވަނީ ބުނެފަ އެވެ.

ކޯޗު ބުނީ ސާބިއާއަކީ ވަސީލަތުގެ ގޮތުން ބަލާއިރު ވޮލީބޯޅަ ކުރިއރުވުމަށް އެންމެ ރަނގަޅު އެއް ގައުމު ކަމަށެވެ. އެގޮތުން ވޮލީބޯޅައިގައި ރަނގަޅު ކާމިޔާބެއް ހޯދަން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުޑައިރުއްސުރެ ކުދިން ތަމްރީންކުރުން ކަމަށާއި، ރާއްޖޭގައިވެސް އެކަން ފުޅާ ދާއިރާއެއްގައި ކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް ބޭނުންވަނީ ހަމައެކަނި ވަސީލަތްތައް ކަމަށްވެސް ކޯޗު ބުންޏެވެ.

ސާބިއާގައި ކޭމްޕު ކުރަމުންދާ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ މިހާތަނަށް އެ ގައުމުގެ ތިން ޓީމަކާއި ކުވެއިތުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ.

މި މެޗުތަކުގައި ޓީމުގެ ފަރާތުން ރަނގަޅު ކުރިއެރުންތަކެއް ފެނިގެންދިޔައިރު ޒުވާން ކުޅުންތެރިންގެ ފަރާތުން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ފެނިގެންދާ ކަމަށްވެސް ކޯޗު ބުންޏެވެ.

ގައުމީ ޓީމުގެ ކުޅުންތެރިޔާ އަލީ ހުޒާމް ބުނީ މި ކޭމްޕުގައި މިހާތަނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެފައިވާ ކަމަށާއި، އެގޮތުން ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް އެނގިގެން ގޮސްފި ކަމަށެވެ. އަދި ތަމްރީނުތަކުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، މެޗަކަށްފަހު މެޗެއް ކުޅުންތެރިން ވަރަށް ބޮޑުތަނުން ރަނގަޅު ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ގައުމީ ޓީމު ތައްޔާރުވަމުންދާއިރު، މި ކޭމްޕް ކުރިއަށްދާނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގައުމީ ޓީމު ސާބިއާގައި ކޭމްޕް ކުރުމުގެ ހުރިހާ އެހީއެއް ސާބިއާގެ ސަރުކާރުން ފޯރުކޮށްދޭއިރު މިއީ ރާއްޖޭގެ ގައުމީ ޓީމެއް ޔޫރަޕުގައި ތަމްރީނުތައް ފުރިހަމަކުރާ ފުރަތަމަ ފަހަރެވެ.