އައްޑޫ ސިޓީގައި ބާއްވާ ޔުއެފާ އެސިސްޓް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުން ރާއްޖޭގެ ޒުވާން ޓީމުގެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް ގައުމީ 15 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކޯޗު އިބްރާހީމް ހަލީމް (ޖަޑާ) ބުނެފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންސް (ޔުއެފާ) ގުޅިގެން ދިވެހި ސަރުކާރުގެ އެހީއާއެކު އައްޑޫ ސިޓީގައި ބާއްވާ މުބާރާތް އޮންނާނީ މި މަހުގެ 20 އިން 29ގެ ނިޔަލަށެވެ.

ރާއްޖޭގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރަނީ ސައުދީ އަރަބިއްޔާ އާއި ލެޓްވިއާ އަދި ބޫޓާން އެވެ. ލެޓްވިއާ އަކީ ޔޫރަޕުން މި މުބާރާތުގައި ވާދަކުރާ ގައުމެކެވެ.

މިއީ "ޓުވާޑްސް ފިޔުޗާ" މަޝްރޫއުގެ ދަށުން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ 15 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކޯޗު އިބްރާހީމް ހަލީމް (ޖަޑާ) ބުނީ މުބާރާތާ ކުރިމަތިލަނީ ޗެމްޕިއަންކަން ހޯދުމުގެ ބަދަލުގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން ފުރަތަމަ މެޗުގައި ރާއްޖޭން ބުޓާނާ ދެކޮޅަށް ނުކުންނައިރު، އެ މެޗުން މޮޅެއް ހޯދުމައް މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަކު ދެން އޮތް ދެ ޓީމު ކަމަށްވާ ލެޓްވިއާ އާއި ސައުދީ އަކީ ރާއްޖެއާ އެއް ފެންވަރުގެ ޓީމުތަކެއް ނޫން ކަމަށާއި، އެކަމަކު އެ ޓީމުތަކާ ދެކޮޅަށްވެސް ރަނގަޅު ކުޅުމެއް ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

މިއީ 2014 ވަނަ އަހަރު ބޭއްވި ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތަށްފަހު އައްޑޫ ސިޓީގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ.

މިމުބާރާތް އައްޑޫގައި ބާއްވަން ތައްޔާރުވެފައިވާއިރު، މުބާރާތް ކުޅޭ ސްޓޭޑިއަމަށް ގިނަ މަރާމާތުތަކެއް ދަނީ ގެންނަމުންނެވެ. އެގޮތުން ލައިޓިން ސިސްޓަމާއި އެހެނިހެން ގިނަ ކަންކަން ދަނީ ރަނގަޅުކުރަމުންނެވެ.