ބޮޑު އީދާ ދިމާކޮށް ރަހާ ރިސޯޓު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ރިސޯޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ރިސޯޓު ހުޅުވަން ތައްޔާރުވަމުންދާއިރު ދިވެހިންނަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރުމަށް ވަނީ ނިންމާފަ އެވެ.

ލ. އަތޮޅުގައި ތަރައްގީކުރަމުންދާ މިރިސޯޓު ހުޅުވުމުގެ ގޮތުން ދިވެހިންނަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފް ކުރުމަށް އެ ރިސޯޓުން ނިންމާފައިވަނީ ވީހާވެސް ގިނަ ދިވެހިންނަށް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ދިވެހިންނަށް ހާއްސަކޮށް ހަދާފައިވާ މި ޕެކޭޖްތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިއުލާން ކުރާނެ ކަމަށްވެސް މިރިސޯޓު ހިންގާ ކުންފުނި، މޯ ހޮޓެލްސް އިން ބުނެ އެވެ.

ހަތަރު ތަރީގެ ފެންވަރަށް ހަދާފައިވާ މި ރިސޯޓަށް ކައްދޫ އެއާޕޯޓުން ފުރައިގެން ދެވޭނީ 20 ވަރަކަށް މިނެޓް ތެރޭގަ އެވެ.

ދިވެހިވަންތަ ގޮތަކަށް ރިސޯޓު ތަރައްގީކުރުމުގެ ގޮތުން ރަހާ ރިސޯޓުގެ ކޮޓަރިތައް ހަދާފައި ވަނީ ދޯނިތަކެއްގެ ބައްޓަމަށެވެ.

ލ. އަތޮޅުގެ ދެ ރަށެއް އެއްކޮށްލައިގެން ހަދާ މި ރިސޯޓުގެ ފުރަތަމަ ފޭސްގައި 100 ކޮޓަރި ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތައް ތިން އަހަރު ދުވަސް ނަގާފައިވާ ކަމަށް މޯ ހޮޓަލްސް އިން ބުނެ އެވެ.