އިންފޯފިޝްގެ ގަވާނިން ބޯޑުގެ ބައްދަލުވުން މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.

މީގެކުރިންވެސް މީގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާފައިވާއިރު އަލުން މިބައްދަލުވުން ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނީ ގައުމުތަކުގެ ތަރުތީބުން މިބައްދަލުވުން ބާއްވަމުން ގެންދާ އުސޫލުންނެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވާ މިބައްދަލުވުމުގައި އޭޝިއާ އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގެ 10 ގައުމަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންފޯފިޝްގެ ގަވާނިން ބޯޑުގެ ބައްދަލުވުން މިއަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ކަން އިއުލާންކޮށްފައިވަނީ މިމަހުގެ އެކަކުން ހަތަރަކަށް މެލޭޝިއާގައި ބޭއްވި އިންފޯފިޝްގެ ޓެކްނިކަލް އެންޑް އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުމުގަ އެވެ.

ރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި، އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އާދަމް މަނިކު އެވެ.

އޭޝިއާ އަދި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން އުފައްދާ މަހުގެ އުފެއްދުންތައް ޕްރޮމޯޓްކޮށް މާކެޓް ހޯދައިދިނުމުގެ މަގުސަދުގައި މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއްގެ ގޮތުގައި އިންފޯފިޝް އުފެއްދީ 1985 ވަނަ އަހަރު އެވެ.